ދެ ވަނަ ބޮޑު ހަނގުރާމަ ފެށުނު ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ކްލެއާ ހޮލިންގްވޯތު އަދި އޭނާގެ ޚަބަރު
11 ޖެނުއަރީ 2017 - 06:31
ދެ ވަނަ ބޮޑު ހަނގުރާމަ ފެށިއްޖެ ކަމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ނޫސްވެރިޔާ ކަމަށްވާ ކްލެއާ ހޮލިންގްވޯތު އިއްޔެ މަރުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ މި ނޫސްވެރިޔާ އުމުރުން 105 އަހަރުގައި މަރުވީ ހޮންކޮންގުގަ އެވެ.
ލެސްޓާ އަށް 1911 ވަނަ އަހަރު އުފަންވި މި ނޫސްވެރިޔާ އަކީ އޯގަސްޓް 1939 ގައި ޖަރުމަނުން ޕޮލެންޑަށް އަރައި ހަނގުރާމަ ފެށި ކަމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ނޫސްވެރިޔާ އެވެ. ހޮލިންގްވޯތު ވަނީ ވިއެޓްމާނާއި އަލްޖީރިއާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ވެސް ދަތުރުކޮށް ހަނގުރާމައިގެ ޚަބަރުތައް ގެނެސްދީފަ އެވެ.
މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ދެ ވަނަ ބޮޑު ހަނގުރާމައިގެ ޚަބަރު ހޮލިންގްވޯތު ރިޕޯޓްކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ޑެއިލީ ޓެލެގްރާފްގައި، ދަސްކުރާ ނޫސްވެރިއެއްގެ ގޮތުގައި އުޅެމުންނެވެ. ޖަރުމަނު ސިފައިން ޕޮލެންޑަށް އެރިކަން ހޮލިންގްވޯތު އަށް އެނގުނީ ޕޮލެންޑުން ޖަރުމަނަށް ކުރި ދަތުރެއްގައި ޖަރުމަނު ސިފައިން ޕޮލެންޑުގެ ބޯޑަރު ކައިރިއަށް ޖަމާވެފައި ވަނިކޮށް ފެނުމުންނެވެ.
ހޮލިންގްވޯތު ރިޕޯޓްކުރި މި ޚަބަރުގެ ސުރުޚީއެއްގެ ގޮތުގައި ޖަހާފައި ވަނީ "ޕޮލެންޑުގެ ބޯޑަރު ކައިރީ 1000 ޓޭންކަރު. 10 ޑިވިޝަނެއް ހަމަލާ އަށް ތައްޔާރުވެފައި" ކަމަށެވެ. އެކަމަކު މި ޚަބަރުގައި ހޮލިންގްވޯތުގެ ނަމެއް ނެތެވެ. ރިޕޯޓްކުރާ މީހުންގެ ނަން ނުޖަހާ ޚަބަރު ލިޔުމަކީ އެ ދުވަސްވަރު އާދަ އެވެ.
ދެ ވަނަ ބޮޑު ހަނގުރާމަ ފެށުނު ޚަބަރު ފުރަތަމަ ރިޕޯޓްކުރި ނޫސްވެރިޔާ ކްލެއާ ހޮލިންގްވޯތު
ޕޮލެންޑު ބޯޑަރަށް ޖަރުމަނު ސިފައިން ޖަމާވި ވާހަކަ ރިޕޯޓްކުރިތާ ތިން ދުވަސް ފަހުން، ޖަރުމަނު ސިފައިން ޕޮލެންޑަށް ވަދެގެންފި ވާހަކަ ވެސް އެންމެ ފުރަތަމަ ރިޕޯޓްކުރީ ހޮލިންގްވޯތެވެ.
ބޮޑު ހަނގުރާމައިގެ ތެރޭގައި ހޮލިންގްވޯތު ވަނީ ހިޓްލަރުގެ ސިފައިންގެ ކިބައިން އާންމުންގެ އެތައް ހާސް ބަޔަކު ސަލާމަތްވުމަށް ވެސް އެހީތެރިވެދީފަ އެވެ.
ހޮލިންގްވޯތަށް 1994 ވަނަ އަހަރު ވަނީ ޖޭމްސް ކެމެރަންގެ ޖާނަލިޒަމް އެވޯޑް ލިބިފަ އެވެ. އަދި ވަޓް ދަ ޕޭޕާސް ސޭ އެވޯޑްގައި 1999 ވަނަ އަހަރު ވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ވެސް ދީފަ އެވެ. ހޮލިންގްވޯތު އޭނާގެ 105 ވަނަ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ އޭނާގެ އުމުރުގެ އެންމެ ފަހު ދުވަސްކޮޅު އާންމުކޮށް ގޮސް އުޅުނު، ހޮންކޮންގުގެ ފޮރިން ކަރެސްޕޮންޑެންޓްސް ކްލަބް (އެފްސީސީ)ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުފާނު
11 January 2017
ދުނިޔެ ދޫކޮށް އެދިޔައީ އަގުހުރި ނޫސްވެރިއެއް!!!!!!!!! މީނާ ނަމޫނާއަކަށް ބަލައިގެން ދެންމިއުޅޭ ނޫސްވެރިން މަސައްކަތް ކުރާނެކަމަށް އަހަރެން އުންމީދުކުރަން......... ވަރަށް ސަލާާމް