ރޭލާ އެކު ސެލްފީ ނަގަން އުޅެނިކޮށް އިންޑިއާގައި ދެ ޒުވާނަކު މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި، ރޭލު ދަގަނޑުމަތީ ތިބެ ރޭލާ އެކު ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ދެ ޒުވާނަކު މަރުވެއްޖެ އެވެ.


ފުލުހުންނާ ހަވާލާދީ ބީބީސީން ބުނީ ފުރާވަރުގެ ދެ ކުދިން ރޭލު ދަށުވެ މަރުވީ އެ އުމުރުގެ ކުދިންތަކަކާ އެކު ރޭލާ އެކު ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ކަމަށެވެ. ގްރޫޕްގައި ހިމެނޭ އެހެން ކުދިން ރޭލު އައުމުގެ ކުރިން ދުވެފައި ދިޔަ ނަމަވެސް، މަރުވި ދެ ކުދިންނަށް ސަލާމަތް ވެވޭ ގޮތް ނުވީ އެވެ.

މިދިޔަ އަހަރު އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނައިން މީހުން މަރުވަނީ އިންޑިއާގައި ކަމަށެވެ. އެގޮތުން، 2014 އިން 2015 އަށް، ސެލްފީ ނެގުމުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި މަރުވި 127 މީހުންގެ ތެރެއިން 76 މީހަކީ އިންޑިއާ މީހުން ކަމަށް ހިސާބުތަކުން ދައްކަ އެވެ.

"ފުރާވަރުގެ މި ކުދިންތައް ރޭލު ދަގަނޑުމަތީ ތިބެގެން ސެލްފީ ނަގަނިކޮށް އެ ކުދިންނާ ދިމާލަށް ރޭލެއް އަންނަތަން ފެނުމުން އެއްފަރާތަކަށް އެރީ. އޭރު އެ ކުދިންގެ އަނެއް ކޮޅުން ވެސް ރޭލެއް އާދޭ. މަރުވީ އެ ރޭލުގެ ދަށުވި ދެ ކުދިން،" ފުލުހުންނާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެ އެވެ.

ރެއިލްވޭ ފުލުހުން ބުނި ގޮތުގައި މި ކުދިން ފޮޓޯ ނެގުމަށް ޕްރޮފެޝަނަލް ކެމެރާއެއް ވެސް ވަނީ ތަނަކުން ވަނީ ހޯދައިފަ އެވެ. އެ ކެމެރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު، ރޭލު ދަގަނޑުމަތީ ތިބެގެން ފުންމައި އަދި އެއް ޓްރެކުން އަނެއް ޓްރެކަށް ފުންމާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވަނީ ފެނިފަ އެވެ.

މިދިޔަ އަހަރު އިންޑިއާގައި ވަނީ ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ވެސް ދެ ދަރިވަރަކު ކޯރަކަށް ގެނބިގެން މަރުވެފަ އެވެ. އަދި 18 އަހަރުގެ އަންހެނަކު ސެލްފީ ނެގުމުގެ ތެރޭގައި މޫދަށް ވެސް ގެނބި މަރުވެފައިވެ އެވެ.

ސެލްފީއާ ގުޅުން ހުރި އެކްސިޑެންޓްތައް މުމްބާއީގައި އިތުރުވުމުން އެތަނުގެ ފުލުހުން ވަނީ ސެލްފީ ނެގުން ރައްކާތެރި ނޫން ތަންތަނުގެ ގޮތުގައި 15 ތަނެއް ކަނޑައަޅައިފަ އެވެ.