ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދީންނަށް ގެދޮރު އަޅައިދިނުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ: އިރުމަތީ ގުދުސްގައި ގެ އެޅުމަށް ވަނީ ފާސްކޮށްފައި. --ފޮޓޯ:އޭއެފްޕީ
22 ޖެނުއަރީ 2017 - 16:31
ގުދުސް (ޖެނުއަރީ 22) - އިރުމަތީ ގުދުސްގައި ޔަހޫދީންނަށް 566 ގެ އެޅުމަށް އިޒްރޭލް ސަރުކާރުން ހުއްދަ ދީފި އެވެ.
އިރުމަތީ ގުދުސްގައި ޔަހޫދީންނަށް މި ގެތައް އެޅުމަށް ހުއްދަ ދިނުން ވަނީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގަންނަވަންދެން ފަސްކޮށްފަ އެވެ.
އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޑެޕިއުޓީ މޭޔަރު މެއިރް ތުރްޖެމަން ވިދާޅުވީ ޔަހޫދީންނަށް ގެ އެޅުމުގެ ޕްލޭން މަޑުޖައްސާލަން ޖެހުނީ ޔަހޫދީ އާބާދީތައް ހެދުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ޑިސެމްބަރު މަހު ފާސްކުރި ގަރާރާ ގުޅިގެން ކަމަށެވެ. އަދި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ލަފާ ދެއްވާފައި ވަނީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގަތުމުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތުރްޖެމަން ވިދާޅުވީ އިރުމަތީ ގުދުސްގައި ޔަހޫދީންނަށް އިތުރު 11،000 ގެ އަޅައިދިނުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގެންދާނެ އިރެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޔަހޫދީންނަށް ގެދޮރު އަޅައިދިނުމުގެ މަޝްރޫއު ހިންގާ ކޮމިޓީ ޗެއާ ކުރައްވާ ތުރްޖެމަން ވިދާޅުވީ ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާ އެކު ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށެވެ.
"ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އަޅުގަނޑުމެން ތިބީ އަތް ބަނދެވިގެން. ގެތައް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިހާރު ހުރަހެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy