ސަރުކާރު ވައްޓާލަން ރޭވި ކަމަށް ތުހުމަތުކޮށް އީރާނުން ހައްޔަރުކޮށް ހުކުމް އިއްވާފައިވާ އިނގިރޭސިވިލާތުގެ އަންހެން މީހާ އޭނާގެ ދަރިފުޅާ އެކު.
23 ޖެނުއަރީ 2017 - 12:28
ތެހެރާން (ޖެނުއަރީ 23) - އީރާނުގެ ޕާސްޕޯޓް ވެސް އޮންނަ އިނގިރޭސި ވިލާތުގެ އަންހެނެއް ކަމަށްވާ ނަޒަނިން ޒަގަރީ ރެކްލިފްގެ މައްޗަށް އީރާނުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން ވެސް ހުކުމަށް ލުޔެއް ލިބޭ ގޮތެއް ނުވި އެވެ.
ޗެރިޓީ މަސައްކަތުގައި އުޅޭ ނަޒަރިން އީރާނުން ހައްޔަރު ކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އޭނާގެ އާއިލާގެ މީހުން ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު ފުރަން އުޅެނިކޮށެވެ. އޭނާ ހައްޔަރު ކުރީ ދަރިފުޅާ އެކު ފުރަން ގޮސް ހުއްޓަ އެވެ. ނަޒަރިންގެ އާއިލާ އިން ބުނެފައި ވަނީ އޭނާ އެއްވެސް ގާނޫނަކާ ޚިލާފުވެފައި ނުވާ ކަމަށެވެ. ނަޒަރިންގެ ދެ އަހަރު ދަރިފުޅުގެ ޕާސްޕޯޓް ވެސް ކެންސަލްކޮށްފައި ވާތީ އެ ކުއްޖާ ހުރީ އީރާނުގަ އެވެ. އެ ކުއްޖާ ބަލަހައްޓަނީ އީރާނުގައި ތިބި ނަޒަރިންގެ އާއިލާގެ މީހުންނެވެ.
އިނގިރޭސިވިލާތުގެ ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުގައި މަސައްކަތް ކުރާ ނަޒަރިން، 38، ހައްޔަރުކުރި ފަހުން އޭނާ ހުރީ ބަންދުގަ އެވެ. ނަޒަރިންގެ މައްޗަށް އީރާނުގެ ރިވޮލިއުޝަނަރީ ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ސެޕްޓެމްބަރު މަހު ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އީރާނުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ރޭވުމެވެ. އެކަމަކު ނަޒަރިންގެ މައްޗަށް އިއްވާފައިވާ ދައުވާ އާއްމުކޮށްފައެއް ނުވެ އެވެ.
ނަޒަރިންގެ ފިރިމީހާ އިނގިރޭސި ރައްޔިތެއް ކަމަށްވާ ރިޗަޑް ރެކްލިފް ބުނީ ނަޒަރިންގެ އިސްތިއުނާފު ގަބޫލް ނުކޮށް ދޫކޮށްލީ މި މަހު 4 ވަނަ ދުވަހު ބޭއްވި ރިވޮލިއުޝަނަރީ ކޯޓުގެ އަޑު އެހުމެއްގައި ކަމަށެވެ. އަދި ކޯޓުގެ ނިންމުން އާއްމުކުރީ އިއްޔެ ކަމަށް އޭނާ ބުންޏެވެ.
ރިޗަޑް ބުނީ ނަޒަރިންގެ ދައުވާ ސާފު ނުވާ އިރު އޭނާގެ މައްޗަށް ބޮޑު ހުކުމެއް އިއްވުމަކީ އީރާނުގެ އަދުލު އިންސާފުގައި ޖެހުނު އިތުރު ލައްގަނޑެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޔާޅީސް
23 January 2017
އަދުލު އިންސާފްގެ ފުރިހަމަ ކަމުންތަ ފަލަސްޠީން ގައި އިޒްރާއީލް އުފެއްދީ އިނގިރޭސީން - ވ ސަލާމް -
ވާންޗޯ
23 January 2017
އިރާން އެއީ މުސްލިމް ގައުމެއްނޫން، ދެން ކޮން އަދުލު އިންސާފެއް އޮންނާނީ، ރާއްޖެ މިސާލަކައް ބަލާބަލަ