އީރާނުގެ ރައީސް ހަސަން ރޫހާނީ އާޒާދު ސްޓޭޑިއަމްގައި ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
12 ފެބުރުއަރީ 2017 - 16:29
ވޮޝިންޓަން (ފެބްރުއަރީ 12) - އީރާނުގެ ރައީސް ހަސަން ރޫހާނީގެ ބަސްމަގާ މެދު ސަމާލުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.
އީރާނުގެ ރައީސް އަށް ޓްރަމްޕް އިންޒާރެއް ދެއްވާފައި މި ވަނީ ރޫހާނީ ދެއްކެވި ވާހަކަތަކަކަށް އިޝާރާތް ކުރައްވަ އެވެ. އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބުގެ އަހަރީ ދުވަހުގެ ތަގްރީރުގައި ރޫހާނީ ވިދާޅުވީ އީރާނަށް ވެސް ވާހަކަ ދައްކަން ޖެހެނީ އިހުތިރާމާ އެކު ކަމަށެވެ. އަދި އީރާނަށް ބިރު ދައްކަން ވާހަކަ ދައްކާ މީހުން އެކަމާ ހިތާމަ ކުރަން ޖެހޭވަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕަށް މި ވާހަކަތައް އެނގިވަޑައިގަތުމާ އެކު ވަނީ އީރާނުގެ ރައީސް ވެސް ބަސްމަގާ މެދު ފަރުވާތެރިވުމަށް އަންގަވައިފަ އެވެ. ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އީރާނަށް ދެއްވާ އިންޒާރުތައް ވަނީ އިތުރު ކުރައްވައިފަ އެވެ.
އީރާނުން ދާދި ފަހުން މިސައިލް ޓެސްޓެއް ކުރުމާ ގުޅިގެން އެމެރިކާ އިން ވަނީ އެ ގައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ޓްރަމްޕުގެ އަރިސް ބޭފުޅުން ބޭނުން ވަނީ އީރާނާ ދެކޮޅަށް އިތުރު ހަރުކަށި ފިޔަވަޅު އެޅުމަށެވެ.
ދުނިޔޭގެ ބާރުތަކާ އެކު އީރާނުން ސޮއިކުރި ނިއުކްލިއާ އެއްބަސްވުމަށް ވެސް ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އެ އެއްބަސްވުން ބަދަލު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް
13 February 2017
ހެހެހެ ޓުރަމްޕް މޭކަރައިގަތީތޯ، ވަރުގަދަ ރައްދެއްނުދިނީ ކިއްވެ މިފަހަރު