ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔާ މީހާ އަށް ޑްރަގުގެ ދައުވާކޮށްފި

މެނީލާ (ފެބްރުއަރީ 18) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔާ ސެނެޓުގެ މެންބަރު ލެއިލާ ޑި ލީމާގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދާ ކަމުގެ ދައުވާ ކޮށްފި އެވެ.


އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޑި ލީމާ ވަނީ އޭނާގެ މައްޗަށް ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި އެއީ ސިޔާސީ ގޮތުން ކުޅޭ ގޭމެއް ކަމަށް ބުނެފައިވެ އެވެ. ޑުޓާޓެއާ ދެކޮޅަށް އަޑު އުފުލައިގެން އަދަބެއް ދޭ ކަމަށް ވަންޏާ އެ އަދަބަށް ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

މަސްތުވާތަކެތި ހުއްޓުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ޑުޓާޓެ ހަނގުރާމަ ފެއްޓެވި ފަހުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ މީހުން މެރުމަށް ޑުޓާޓެ ފުލުހުންނަށް ހިތްވަރު ދެއްވާ ކަމަށެވެ.

ފިލިޕީންސްގެ ރައީސް ޑުޓާޓެ. --ފޮޓޯ:އޭއެފްޕީ

ޑުޓާޓެ އަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ބެނީނޯ އަކީނޯގެ ސަރުކާރުގެ ޖަސްޓިސް ސެކްރެޓަރީގެ މަގާމު އަދާކުރި ޑި ލިމާ ހިމެނެ އެވެ. ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޗެއާގެ މަގާމު ޑި ލީމާ 2008-2010 އަށް ކުރެއްވި އިރު އޭނާ ވަނީ ޑަވާއޯ ސިޓީގެ މޭޔަރަކަށް ޑުޓާޓެ ހުންނެވި ދުވަސްވަރު މީހުން މެރި މައްސަލަ ބަލައިފަ އެވެ.

ޑި ލީމާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ އަތުން ފައިސާ ހޯދާ ކަމަށެވެ. އަދި ޖަލުގައި ތިބި މީހުންނާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ޖަސްޓިސް މިނިސްޓަރު ވިޓަލިއާނޯ އަގުއެރޭ ވިދާޅުވީ ޑި ލީމާ އާއި އޭނާގެ ޑްރައިވަރާ އަދި އެހެން ބައެއް މީހުންނާ ދެކޮޅަށް މިހާރު ދައުވާ އުފުލާފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ފަށާފައިވާ ހަނގުރާމައާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފަށައިފަ އެވެ. ޕޮލިސް ހެޑްކުޓާރެއްގެ ތެރޭގައި ސައުތު ކޮރެއާގެ ވިޔަފާރިވެރިއަކު މަރާލުމާ ގުޅިގެން ޑުޓާޓެ ވަނީ ފުލުހުންގެ އޮޕަރޭޝަން މަޑު ޖައްސާލައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ދެން އެ މަސައްކަތް ފަށާނީ ފުލުހުންގެ ތެރެ ސާފުކޮށްފައި ކަމަށެވެ.