އޮޅިގެން އިންޑިއާ އަށް ވަދެވުނު ޕާކިސްތާނުގެ ދެ ކުދިން ކަމަށްވާ އަހުސަން ޚޫރުޝީދު (ވ) އާއި ފައިސަލް އަވާން.
12 މާޗް 2017 - 11:38
ނިއު ދިއްލީ (މާޗްް 12) - ކަޝްމީރުގެ ތެރޭން ބޯޑަރު ހުރަސްކޮށް އޮޅިގެން އިންޑިއާ އަށް ވަން ދެ ފިރިހެން ކުދިން އަނބުރާ ޕާކިސްތާނަށް ހަވާލުކޮށްފި އެވެ.
މި ކުދިންގެ މައްޗަށް ފުރަތަމަ ވަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ކުދިން ހައްޔަރުކޮށްފައި ވަނީ ކަޝްމީރުގެ އުރީގެ އަޝްކަރީ މަރުކަޒަކަށް ހަމަލާދީ އިންޑިއާ ސިފައިންގެ 19 މީހުން މަރާލި ހާދިސާ ހިންގިތާ ދުވަސްކޮޅެއް ފަހުންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ދިން ހަމަލާ އަކީ ކަޝްމީރުގައި ފަހަކަށް އައިސް އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާ ހަމަލާ އެވެ. އެ ހަމަލާ އަށް ފަހު ކަޝްމީރުގެ މަޝްރަހު ވަރަށް ހޫނުވި އެވެ. ނަމަވެސް މި ކުދިންގެ ތަހުގީގު ހިންގުމަށް ފަހު ވަނީ ހަނގުރާމަވެރި ޖަމާއަތަކާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
މި ދެ ކުދިން ޕާކިސްތާނާ ހަވާލުކޮށްފައި ވަނީ ލާހޯރާ ކައިރީގައި އޮންނަ ވަގާ ބޯޑަރު ކައިރިންނެވެ. ދެ ކުދިންން ހަވާލުވުމަށް އާއިލާގެ މީހުން ވެސް ގޮސް ތިއްބެވެ.
އިންޑިއާގެ އޮފިޝަލުން ފުރަތަމަ ތުހުމަތުކޮށްފައި ވަނީ އަހުސަން ޚުރުޝީދާއި ފައިސަލް އަވާން އަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުގެ ގައިޑުން ކަމަށެވެ. ނަމަވެސް އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ތަރުޖަމާނަކު މިދިޔަ ހަފުތާގައި ވިދާޅުވީ އުރީގައި ދިން ހަމަލާއާ އެ ދެ ކުދިންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ކުދިންނަށް އޮޅިގެން އިންޑިއާގެ ސަރަހައްދަށް ވަދެވިފައި ވަނީ މައިންބަފައިންނާ ކުރި ޒުވާބަކަށް ފަހު ކަމަށް ވެސް އިންޑިއާގެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy