މީހަކު ބޭސް ކަނީ: ޔޫޓީއައި އަށް ދޭނެ އާ އެންޓިބަޔޮޓިކަކަށް އެމެރިކާއިން ވަނީ ހުއްދަ ދީފައި. -- ފޮޓޯ: ޕެކްސެލް
27 މާޗް 2025 - 09:43
ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކަށް ދޭނެ އާ އެންޓިބަޔޮޓިކަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި ކަމަށް އިނގިރޭސިވިލާތުގެ ބޭސް ކުންފުނި ޖީއެސްކޭ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެފްޑީއޭ އިން "ބްލޫޖެޕާ" ނަމަކަށް ކިޔާ މި ޕްރޮޑަކްޓް ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ އުމުރުން ދުވަސްވީ އަންހެނުންނާއި 12 އަހަރުން މަތީގެ އަންހެން ކުދިންނަށް ކަމަށެވެ.
ޔޫޓީއައި އަކީ އާންމުކޮށް އަންހެނުންނަށް ދިމާވާ މައްސަލައަކަށް ވާއިރު މިއީ މުޅި ދުނިޔޭގައި އަހަރަކު 100 މިލިއަނެއްހާ މީހުންނަށް ދިމާވާ ކަމެކެވެ.
ޖީއެސްކޭ އިން ބުނީ މިއީ އަނގައިން ދޭ [އޯރަލް] އެންޓިބަޔޮޓިކަކްގެ އާ ބާވަތަކަށް މި ފަހުން ހުއްދަ ދިން ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. މިއީ މިހާރު ހުރި އެންޓިބަޔޮޓިކްތަކުން ބަލި ރަނގަޅު ނުވުމުގެ މައްސަލަ ބޮޑުވަމުން އަންނަ އިރު ލިބޭނެ ރަނގަޅު އިހުތިޔާރެއްގެ ގޮތުގައި ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ތަކުރާރުކޮށް އެންޓިބަޔޮޓިކް ބޭނުންކުރުމުން ބެކްޓީރިއާތައް އެޔަށް ހޭނި ބަލި ފަސޭހަކުރުމަށް ހުރަހަކަށްވުމުގެ މައްސަލަތައް ދަނީ ބޮޑުވަމުންނެވެ.
މި މައްސަލައާ ބެހޭ ގޮތުން 2019 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޔޫޓީއައި ޖެހުމަށް މަގުފަހިވާ ބެކްޓީރިއާތަކުގެ ތެރެއިން 92 ޕަސެންޓް ބެކްޓީރިއާއަކީ މަދުވެގެން އެއް އެންޓިބަޔޮޓިކަށް ރެސިސްޓު [ނުގުޑާ] ބެކްޓީރިއާ އެވެ. އަދި 80 ޕަސެންޓް ބެކްޓީރިއާއަކީ މަދުވެގެން ދެ އެންޓިބަޔޮޓިކަށް ރެސިސްޓެންޓް ބެކްޓީރިއާތަކެކެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy