މިއަންމާއަށް އައި ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި: ޔުނިސިޓީއަކަށް ލިބުނު ގެއްލުމުގައި ޖަވާބު ކަރުދާސްތައް ހަލާކުވެ 60،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އަލުން އިމްތިހާން ހަދަން ޖެހިފައި. -- ފޮޓޯ: އޭއެފްޕީ
23 އެޕްރީލް 2025 - 05:54
މިޔަންމާއަށް މިދިޔަ މަހު އައި ބިންހެލުމުގެ ތެރޭ ހިނގި އަލިފާނުގެ ހާދިސާގައި 60،000 އަށް ވުރެ ގިނަ ދަރިވަރުންގެ ޔުނިވަސިޓީ އެންޓްރެންސް ޓެސްޓުގެ ޖަވާބު ކަރުދާސްތައް އަނދައިގެން ދިއުމުން އެ ހުރިހާ ދަރިވަރުން އަލުން ޓެސްޓު ހަދަން ޖެހިއްޖެ އެވެ.
މިއަންމާއަށް 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިޔަންމާގެ އެތައް އިމާރާތެއް ވެއްޓި 3،700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ދެވަނައަށް އެންމެ އާބާދީ ބޮޑު މަންޑަލޭ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ބިންހެލުމާ ގުޅިގެން، މަންޑަލޭ ޔުނިވާސިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި 62،954 ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ހަލާކުވެފައިވާ ކަމަށް އޭރު އަސްކަރީ ސަރުކާރުން ވަނީ ބުނެފަ އެވެ.
އެހެންވެ ޖޫން 16 އިން 21 އަށް އަނެއްކާވެސް އިމްތިހާން ބާއްވަން ވަނީ ނިންމައިފަ އެވެ. ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި މިދިޔަ އަހަރު 130،000 އެއްހާ ދަރިވަރުން މި "މެޓްރިކް އިމްތިހާން" ގައި ބައިވެރިވި ކަމަށެވެ.
މަންޑަލޭ ޔުނިވާސިޓީގައި ހިނގި އަލިފާނުގެ ހާދިސާގައި މަންޑަލޭ އާއި ސާގިން ސަރަހައްދުގެ ދަރިވަރުންގެ 375،000 އަށް ވުރެ ގިނަ ކަރުދާސް ހަލާކުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy