ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގެ މައި ސިޓީ ކަމަށްވާ ސްރީ ނަގަރު ކައިރި ސަރަހައްދަކަށް ވެއްޓިފައިވާ އެއާކްރާފްޓެއްގެ ކައިރިއަށް މިއަދު މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ
07 މެއި 2025 - 11:05
އިންޑިއާއިން ކަޝްމީރާއި ޕާކިސްތާނަށް ރޭ ދިން ހަމަލާތަކުގައި ބޭނުންކުރި ފަސް ޖެޓެއް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "އޮޕަރޭޝަން ސިންދޫރް" ގައި ބޭނުންކުރި އެއްވެސް ބޯޓެއް ވެއްޓިފައި ނުވާ ކަމަށެވެ. އަދި ބޯޓަކަށް ގެއްލުމެއް ވެސް ނުވާ ކަމަށް ބުންޏެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ފްރާންސްގެ ރަފޭލް މަރުކާގެ ތިން ޖެޓް ހިމެނޭހެން ފަސް ޖެޓް ވައްޓާލާފައިވާ ކަމަށެވެ.
"ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިފާއުގައި ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ އިންޑިއާގެ ފަސް ޖެޓާއި ކޮމްބެޓް ޑްރޯނެއް ވައްޓާލާފައި. އެއީ ޕާކިސްތާނަށް ހަމަލާދިން އެއްޗެހި،" އަސްކަރިއްޔާގެ ތަރުޖަމާނު އަހްމަދު ޝަރީފް ޗައުދަރީ ވިދާޅުވި އެވެ.
"އިންޑިއާގެ ޖެޓްތަކުގެ ތެރޭގައި ރަފޭލް ތިން ޖެޓާއި މިގް 29 ޖެޓަކާއި އެސްޔޫ ޕްލޭނެއް ހިމެނޭ."
އިންޑިއާއިން ބުނީ ރޭ ދިން ހަމަލާތަކަކީ މި އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި ކަމަށާއި އެ ފިޔަވަހި ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށެވެ. ހަމަލާތައް އަމާޒުކުރީ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާއަށް ހަމަލާދޭ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުވަ ކޭމްޕަކަށެވެ. ހަމަލާތަކުގައި އެ ތަންތަން އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު ލާހޯރުގައި އަސްކަރީ އުޅަނދުތައް އެކި ހިސާބުތަކަށް ގެންދަނީ: އިންޑިއާގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޕާކިސްތާނުން ދަނީ ބުނަމުން. -- ފޮޓޯ: އޭއެފްޕީ
ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ހަމަލާތައް އަމާޒުކުރީ އިންޑިއާއާ ދެކޮޅަށް ހަމަލާތައް ރޭވުމަށާއި ހަމަލާތައް ދިނުމަށް ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދުގައި ޓެރަރިސްޓުން ބޭނުންކުރާ ފެސިލިޓީތަކާއި އިންފްރާސްޓްރަކްޗާތަކަށެވެ.
ހަމަލާތައް ދިނުމުގައި ބެލީ މަސްރަހު އިތުރަށް ގޯސްނުވާނެ ގޮތަކަށް ކަމަށާއި ޕާކިސްތާނު އަސްކަރިއްޔާގެ އެއްވެސް ތަނަކަށް ހަމަލާ ދީފައިނުވާނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާއިން ބުނީ މިއީ މިއީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އިންޑިއާގެ 25 މީހަކާއި ނޭޕާލް މީހަކު މަރާލި ހަމަލާގައި ޒިންމާވާ މީހުންނަށް އަދަބު ދިނުމަށް އިންޑިއާއިން ވެފައިވާ ވައުދާ އެއްގޮތަށް ދިން ހަމަލާތަކެއް ކަމަށެވެ.
އިންޑިއާގެ ހަމަލާއެއް އަމާޒުވި ޕާކިސްތާނުގެ ހެލްތު އެންޑް އެޑިއުކޭޝަން ކޮމްޕްލެކްސް ކައިރީ ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
މި ބަޔާނުގެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި ވަނީ ހަމަލާތައް ދިން ތަންތަނުގެ ވީޑިއޯތައް ވެސް ދައްކައިފަ އެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ބްރީފިންގައި ބުނި ގޮތުގައި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާތައް އަމާޒުކޮށް ރާވާފައި ވާނީ އެންމެ ޕްރޮފެޝަނަލް ހަމަތަކުގެ މަތިންނެވެ.
ނަމަވެސް ޕާކިސްތާނުން ބުނީ ހަމަލާތަކުގައި އަށް މީހަކު މަރުވި އިރު އެ އެންމެންނަކީ ވެސް އާންމުން ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އިންޑިއާގެ ހަމަލާތައް ފަސް ތަނަކަށް އަމާޒުވި ކަމަށައި މި ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
07 May 2025
ޕާކިސްތާނުން އެހެން ބުނާނެ. އިންޑިއާގެ ހަގުރާމަމަތީ 5 މަތިންދާބޯޓު ވައްޓާލެވުނު ނަމަ އޭގެ ވީޑިއޯއާ ފޮޓޯދައްކާނެ. ލަފާކުރެވެނީ ހަމަ ބުނެލި އެއްޗެއް ކަމަށް. ރާއްޖެއަށް ތުރުކީއިން ގެންނަ މިސައިލް ފޮނުވާ މަނަވަރު އިންޑިއާ ޕާކިސްތާނުގެ ހަގުރާމައިގަ ބައިވެރި ކުރަން ހުށަނާޅައިފިއްޔާ ވަރަށް ރަގަޅު. މަސްރަހު މާބޮޑަށް ހޫނުވާނަމަ ރާއްޖެއަށް ޕްރެޝަރު އައުން އެކަށީގެންވޭ. ބަލަމާ ވާއެއްޗެއް.
ސަލީމު އިދުރީސް
07 May 2025
ޕާކިސްތާނައް އިންޑިއާއާނުކުޅެވޭނެ ދިވެހިރާޖެއާ އެފަސްކޮއް އެހެން ގައުމެއްގެ ބޯޑަރު ގުޅިފަނުވިއަސް އަދި ގައުމަކުން ހަމަލާ ނުދިނަސް އަދި ހަމަލާއެއް ދިނަސް ދިފާއު ނުވޭނެކަން އެގޭއިރުގަވެސް ރޮކެޓާ ޑުރޯނާމަނަވަރާ ހޯދައިރު އިންޑިއާ ބޯޑަރު ސަރަހައްދައް ނުރައްކާ ވާކަމައް ފެންނަނަމަ ހުއްޓުވުނު ގޮތަކައް ހުއްވަން ޖެހޭކަމުގަ ދެކެން! އަދި އެހެންނޫނަސް ދިވެހިން ޕާކިތާނާ މާބޮޑު ގުޅުމެއް އޮތް ގައުމެއްވެސްނޫން ތިކަމިގަ މަގޭ ލޮލުންބޮލުން އިންޑިއާއައް ދާއީދުކުރަން
ވަހީދުބެ
07 May 2025
އިހަށް އަމިއްލަ ބަހުން ލިޔަން ދަސްކޮށްބަލަ.
އަފްރާސިޔާބު
07 May 2025
ޕާކިސްތާނާ އިންޑިޔާއަކީ ގައުމު ކަމަށް ބަލައިގެން އުޅޭ ބަޔަކަށް އެކަން އެނގޭނީ. އިންޑިޔާ އަދި ތިން ބަޔަކަށްވެގެން ނޫނީ ތޮޅުމެއް ނުހުއްޓޭނެ. އެއީ ކަޝްމީރު ވަކި ގައުމަކަށް، ޚާލިސްތާނު ވަކިގައުމަކަށް. ހިންދުސްތާން ވަކި ގައުމަކަށް. މިހާރު ދެބައިމީހުންނަކީވެސް ޓެރަރިސްޓް ހަރަކާތަށް ވާގިވެރިވާ ބައެއް.