ޕާކިސްތާނުގެ ކަރަޗާީގައި އިންޑިއާގެ ޑްރޯނެއް ވެއްޓުނު ކަމަށް ބުނާ ސަރަހައްދެއް ބަންދުކޮށްގެން އިއްޔެ ފާސްކުރަނީ: ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާގެ 77 ޑްރޯން ދެ ދުވަސް ތެރޭ ވަނީ ވައްޓާލާފައި. -- ފޮޓޯ: އޭއެފްޕީ
09 މެއި 2025 - 14:52
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ބަދަލުކުރަމުން ދާއިރު މިދިޔަ ދެ ދުވަސް ތެރޭ އިންޑިއާގެ 77 ޑްރޯން ވައްޓާލާފައިވާނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ އޮފިޝަލުން ބުނެފި އެވެ.
"މެއި 8 ވަނަ ދުވަހު ޕާކިސްތާނުން ވަނީ އިންޑިއާގެ 29 ޑްރޯން ވައްޓާލާފައި. އަދި ރޭ ވެސް 48 ޑްރޯން ވައްޓާލިން،" ޕާކިސްތާނުގެ ދައުލަތުގެ ޓީވީ ކަމަށްވާ ޕީޓީވީ އިން އަސްކަރިއްޔާއާ ހަވާލާދީ ބުންޏެވެ.
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު 26 މީހަކު މަރާލި ހާދިސާގައި ޕާކިސްތާނަށް ތުހުމަތުކޮށް އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމާ އެކު ޕާކިސްތާނުން ވެސް ވަނީ ބޯޑަރު ހުރަސްކޮށް ބައެއް ހަމަލާތައް ދީފަ އެވެ. އަދި ޕާކިސްތާނުން އިއްޔެ ވެސް ވަނީ އިންޑިއާގެ 25 ޑްރޯން ވައްޓާލައި އަދި ފަސް ޖެޓް ވެސް ވައްޓާލި ކަމަށް ބުނެފަ އެވެ.
ނަމަވެސް އިންޑިއާއިން ބުނެފައިވަނީ އަސްކަރީ އެއްވެސް އެއާކްރާފްޓަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
އިންޑިއާއިން މިހެން ބުނި ނަމަވެސް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޗައިނާގައި އުފައްދާފައިވާ ފައިޓަ ޖެޓުން ހަމަލާދީ ޕާކިސްތާނުން ވަނީ، އެންމެ މަދުވެގެން ވެސް އިންޑިއާގެ ދެ ޖެޓް ވައްޓާލާފައި ކަމަށެވެ. އެ އޮފިޝަލް ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެއް ޖެޓަކީ ފްރާންސްގައި އުފައްދާފައިވާ ރަފެއަލް ފައިޓަ ޖެޓެއް ކަމަށެވެ.
ކަޝްމީރަށް މީހެއް ކަމަށްވާ މުހައްމަދު ނަޒީރު ޚާން، ސްރީނަގަރާ ގާތްގަނޑަކަށް 125 ކިލޯމީޓަރު ދުރުގައި އޮންނަ ކަލްގީ ވިލެޖްގައި ހުންނަ އޭނާގެ ގެ ކައިރީއަށް ވެއްޓުނު މޯޓަރު ބަޑީގެ އުންޑައެއްގެ ބައިތަކެއް އިއްޔެ ދައްކާލަނީ: އިންޑިއާއިން ބުނާ ގޮތުގައި ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން ކަޝްމީރު ތެރެއަށް ދޭ މިފަދަ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
ބުދަ ދުވަހު ފްރާންސްގެ އޮފިޝަލުން ސީއެންއެން އަށް ވެސް ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ އެއާފޯސް އިން ވަނީ އިންޑިއާއިން ގެންގުޅޭ ރަފެއަލް ފައިޓާ ޖެޓެއް ވައްޓާލައިފަ އެވެ.
އަނެއްކޮޅުން، ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިއާއިން ޕާކިސްތާނުގެ ލާހޯރާއި އެކި ހިސާބުތަކަށް ހަމަލާދޭން ބޭނުންކުރާ ޑްރޯންތަކުގެ ތެރޭގައި އިޒްރޭލުގައި އުފައްދާފައިވާ "ސުއިސައިޑް ޑްރޯން" ކަމަށްވާ ސްޕައިސް-2000 ބޭނުންކުރެ އެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއްޔެ ބުނި ގޮތުގައި، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެގެން އުޅުނު 25 ޑްރޯނެއް އިއްޔެގެ ނިޔަލަށް ވެސް ވައްޓާލާފައި ވާނެ އެވެ.
އިންޑިއާއިން "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި ފެށި ހަމަލާތަކުގައި މިހާތަނަށް ޕާކިސްތާނުން، އެންމެ މަދުވެގެން "100 ޓެރަރިސްޓުން" މަރާލާފައި ވާނެ ކަމަށް ވަނީ ބުނެފަ އެވެ. އިންޑިއާއިން ބުނީ ހަމަލާތައް ނުވަ ތަނަކަށް އަމާޒުކޮށްފައި ވާއިރު އެ ހުރިހާ ތަނަކީ ވެސް އެކި ދުވަސްވަރު އިންޑިއާގެ އެކި ތަންތަނަށް ހަމަލާ ދިނުމަށް ޓެރަރިސްޓުން ތަމްރީންކުރުމަށާއި ހަމަލާތައް ރޭވުމަށް ބޭނުންކުރާ ތަންތަނެވެ.
އިންޑިއާއިން މިއަދު ބުނި ގޮތުގައި ޕާކިސްތާނުން އިންޑިއާއަށް ދޭން އުޅުނު އިތުރު ހަމަލާތަކެއް ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އަދި ވަރުގަދަ ހަމަލާތައް ދެ ގައުމުން ދޭތާ މިއަދަށް ތިން ދުވަސް ވެފައި ވާއިރު އިންޑިއާ އާއި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 50 އަށް އަރާ ކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާއިން ބުނެފައިވަނީ އެ ގައުމުން ޕާކިސްތާނަށް ހަމަލާ ދިން އިރު އަސްކަރީ އެއްވެސް ތަނަކަށް ހަމަލާދީފައި ނުވާނެ ކަމަށާއި އެކަމަކު ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ތިން މަރުކަޒަކަށް އިއްޔެ ވެސް ހަމަލާދިން ކަމަށެވެ. އެއީ ކަޝްމީރުގެ ދެ މަރުކަޒަކާއި ޕަންޖާބުގެ މަރުކަޒަކަށް ކަމަށް ބުންޏެވެ.
ރައްދުގައި ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ "އިންޑިއާއިން ގާނޫނާ ހިލާފަށް ހިފާފައިވާ ޖައްމޫ އާއި ކަޝްމީރުގެ އެއްވެސް ސަރަހައްދަކަށް ނުވަތަ ބައިނަލްއަގުވާމީ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން މިހާ ހިސާބަށް އެއްވެސް ހަމަލާއެއް ނުދެން" ކަމަށެވެ.
މަސްރަހު ގޯހުން ގޯހަށް ދާއިރު ނިއުކްލިއާ މި ދެ ބާރު ސުލްހަވުމަށް އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރުލާ
09 May 2025
ތީ ހަމަ ޔޫކްރޭން ގެ ފިލްމިސްޓާރު( ރައިސް) ބުނާ ކަހަލަ ވާހަކައެއް. ރަޝިއާ ހަނގުރާމަ ފަށައިގަތް ދުވަސްކޮޅު އޭނަވެސް ދިޔައީ ދުވާލެއްގެ މައްޗަށް ރަޝިއާގެ 15000 ސިފައިން މަރަމުން. އޭނާގެ އަނގައިން.... ޕާކިސްތާން ވެސް އެހެންދޯ ތިވަނީ.
ރަދީފްއޮފިޝަލް / އިންޑޯ ޕާކް ވޯ
09 May 2025
ސާބަހޭ ޕާކިސްތާން ބްރަދާސް.މިފަހަރު ރަނގަޅަށް ގެންގޮސް އެކީގަ ނިންމާލުން އެއީ ރަނގަޅުގޮތް.ޕާކިސްތާން ޒިންދާބާދް.އިންޑިޔާ މުރްދާބާދް.