މެލޭޝިއާގައި ރޭ ހިނގި ބަސް އެކްސިޑެންޓުގައި ބަސް ފުރޮޅާލާފައި: މި ހާދިސާގައި 15 މީހަކު ވަނީ މަރުވެފައި.
09 ޖޫން 2025 - 06:37
މެލޭޝިއާގައި ޔުނިވާސިޓީއެއްގެ ދަރިވަރުން ދަތުރުކުރި ބަހަކާއި މަލްޓި ޕާޕަސް ވެހިކަލް (އެމްޕީވީ) އެއް އެކްސިޑެންޓުވެ 15 މީހަކު މަރުވެއްޖެ އެވެ.
މެލޭޝިއާ ގަޑިން ރޭ ދަންވަރު 1:00 އެހާއިރު މި އެކްސިޑެންޓު ހިނގީ ޔުނިވާސިޓީ ޕެންޑިޑިކަން ސުލްތާން އިދްރީސް (ޔޫޕީއެސްއައި) ގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ބަހެއް އެމްޕީވީއެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގީ ތަސިކް ބޭންޑިން ކައިރީގައި އޮންނަ ޖެރިކް-ޖެލި ހައިވޭކައިރީގަ އެވެ.
ޕެރާކް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީ (ޖޭޕީބީއެން) ގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއްގައި ބުނީ މި އެކްސިޑެންޓު ހިނގި ބަހުގައި 48 މީހަކު ތިބި ކަމަށެވެ. އެމަޖެންސީ ސާވިސަސް އަށް ރޭ ދަންވަރު މި އެކްސިޑެންޓު ރިޕޯޓްކުރީ ހާދިސާއަށް ފަހު މީހުން ގެންދިޔަ ގެރިކް ހޮސްޕިޓަލުން 1:10 ހާއިރު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ހާދިސާ ހިނގި ވަގުތު 13 މީހަކު ވަނީ މަރުވެފައި. އަނެއް ދެ މީހުން މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ހޮސްޕިޓަލްގައި." ބަޔާނުގައިވެ އެވެ.
"ޒަހަމްވި ލިބުނު ހަތް މީހުން ރެޑް ޒޯން (ކްރިޓިކަލް) ގައި، 20 މީހުން ޔެލޯ ޒޯން (ސެމީ ކްރިޓިކަލް) ގައި އަދި 16 މީހުން ތިބީ ގެރިކް ހޮސްޕިޓަލުގެ ގްރީން ޒޯން (މައިނަ އިންޖަރީސް) ގައި."
މި އެކްސިޑެންޓަށް ފަހު ފުރަތަމަ ލިބުނު ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓުވި މީހުންގެ ތެރެއިން ބައެއް މީހުން ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށެވެ. އެންމެ ފުރަތަމަ ދިޔައީ ދެ އަންހެނަކު ކަމަށާއި އެއީ އެކްސިޑެންޓު ހިނގިތާ ގަޑިއެއްހާއިރު ފަހުން ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.
އެކްސިޑެންޓާ ގުޅޭ ގޮތުން ޔުނިވަސިޓީން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވިޔަސް ދަރިވަރުންނާއި އާއިލާތަކަށް އެހީތެރިކަން ދިނުމުގެ މަަސައްކަތް ޔުނިވަސިޓީން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy