ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ދިން ހަމަލާތަކެއްގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތެއްގެ ކައިރީ މީހުން ހަރަކާތްތެރިވަނީ: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވަނީ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމާ ވަރަށް ގާތްވެއްޖެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
28 ޖޫން 2025 - 09:43
ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އިޒްރޭލުން ޝަހީދުކުރާ އާންމުންގެ އަދަދު އިތުރުވެ ފާޑުކިޔުންތައް އިތުރަށް ބޮޑުވެފައި ވަނިކޮށް ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ ވާހަކަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވައިފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ އަންނަ ހަފްތާގައި އެކަން ވެދާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.
"އަންނަ ހަފްތާގައި އެކަން ވެދާނެ، ހަމަލާތައް ހުއްޓުމަކަށް އަންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ އިންތިގާލީ މަރުހަލާ ތެރޭގައި އޭރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނެސްފަ އެވެ. އޮކްޓޫބަރު 7، 2023 އިން ފެށިގެން ދެމުން ގެންދާ އެ ހަމަލާތައް އޭރު ހުއްޓުމަކަށް ގެނެސް ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދެ ފަރާތުން އަސީރުން ބަދަލުކުރި އެވެ.
ނަމަވެސް އިޒްރޭލުން މިހާރު ވަނީ އަލުން ހަމަލާތައް ފަށައި އެހީގެ ސާމާނު ވެއްދުން ވެސް ހުއްޓުވައި ސީދާ އިޒްރޭލުން ބޭނުންވާ އެއްޗެއް ބޭނުންވާ ގޮތަކަށް ނޫނީ އާންމުންނަށް ނުލިބޭ ގޮތް ހަދައި ވަރަށް ބޮޑަށް ދަތިކޮށްފަ އެވެ.
ޓްރަމްޕު މިދިޔަ ހަފްތާގައި ވެސް ވަނީ ޣައްޒާއާ ގުޅޭ ގޮތުން އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބިދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އޭރު ވިދާޅުވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ.
ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ ވާހަކަ އަލުން ދައްކާއިރު ޣައްޒާގައި ކޮންމެ ދުވަހަކު އެތައް ބަޔަކު މިހާރު ދަނީ ޝަހީދުކުރަމުންނެވެ. އެހީ ހޯދަން މަރުކަޒުތަކުގެ ކައިރިއަށްދާ މީހުންނަށް އިޒްރޭލުން ހަމަލާދިނުން އާންމު ކަމަކަށް ހަދާފައި ވާތީ އެކަން ކުށްވެރިކުރަމުން ދާއިރު އިޒްރޭލުން ދަނީ ހަމަލާ ދޭ ކަމަށް އިންކާރުކުރަމުންނެވެ. މިދިޔަ 48 ގަޑިއިރު ތެރޭގައި ވެސް 100 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ވަނީ ޝަހީދުކޮށްލައިފަ އެވެ.
އަނެއްކޮޅުން، އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމާގައި އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމަކީ ވެސް އިޒްރޭލުން މި ވަގުތަށް ހަމަލާތައް މެދުކަނޑާލަފާނެ ސަބަބެއް ކަމަށް ވަނީ ބެލެވިފަ އެވެ. ޓްރަމްޕު ވެސް ވަނީ އިޒްރޭލަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމުގެ ވާހަކަ ދައްކަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލިމޯޑު
28 June 2025
އެމެރިކާގެ ރައީސަކަށްހުރި ޑޮނަލްޑް ޓްރަމްޕަށް ނޯބަލް ސުލްހައިގެ އިނާމް ހޯދަދޭން ޖަހާހާ ސަކަރާތް މިފެންނަނީ.އޭނަގެ މަސައްކަތުން އިންޑިޔާ އާއި ޕާކިސްތާން ބޮޑު ހަނގުރާމަ އަކަށް ނުގޮސް ހުއްޓުވިކަމަށް ބުނެ ، އަދި އޭނަ އިސްނަގައިގެން ކުރި މަސައްކަތުން އީރާން އާއި އިޒްރޭލުގެ ހަނގުރާމަ ހުއްޓާލި ކަމަށް އަދި ޣައްޒާގައި އިޒްރޭލުން ހިންގާ ޖަރީމާ ޓްރަމްޕްގެ މަސައްކަތުން ހިއްޓާލިކަން ދައްކާފަ އޭނައަށް ނޯބަލް ޕީސް ޕްރައިޒް ލިބޭވަރު އެކުރަނީ
އައިމިނާ
28 June 2025
ހާދަފާޑަކަށް މީނަޔަށް އެހެން ބުނެލެވެނީވެސް. އެއްވެސް އަގެއްހުރި ގަދަރެއްހުރި ބަޔަކު ނޫންކަން ދެއްކޭގޮތަށް. މީނަ ކައިރީ ފަލަސްތީނުގެ ރައްޔިތުންނަކީ އެއްވެސް ބައެއް ނޫންކަން އަންގަން ވެގެން. ބޮޑާ ކިބުރުވެރި ފިރިހެނެއް.
ތީނު
28 June 2025
ޓްރަމްޕާއި ނަޓަންޔާހޫ ބަނޑުފުރޭވަރަށް ފަލަޞްޠީނުގެ ރައްޔިތުންގެ މަސް ކެވި ބޭނުންވާ ވަރަށް އެބައިމީހުންގެ ލެއިން ފެންވަރާ ނިމުނީތޯ؟ އެ ދެ ޝައިޠާނުން ހިތެއްނުފުރޭނެ މިދުނިޔެމަތީގައި މުސްލިމް އުންމަތް ދެމިއޮތްހާދުވަހަކު. އެކަމަކު އެކަމާ ސަޢޫދީގެ ވެރިން ވިސްނާކަށް ބޭނުމެއްނުވޭ