ޣައްޒާގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތެއްގެ ތެރެއިން ކުއްޖަކު ބައިސްކަލެއް ނެރެގެން ގެންދަނީ: އިޒްރޭލު ސިފައިން ވަނީ ޣައްޒާ ހިފުމުގެ ޕްލޭން ތަންފީޒުކުރަން ފަށާފައިވާ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
13 އޯގަސްޓް 2025 - 15:02
ޣައްޒާ އެއްކޮށް ހިފަން އިޒްރޭލު ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެ އޮޕަރޭޝަންގެ "އޮނިގަނޑު" ފާސްކޮށްފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.
ސިފައިންގެ ބަޔާނެއްގައި ބުނީ ސިފައިންގެ އެންމެ އިސް ވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު "ގާޒާ ސަރަހައްދުގައި އައިޑީއެފްގެ އޮޕަރޭޝަނަލް ޕްލޭންގެ މައިގަނޑު އޮނިގަނޑު" ފާސްކޮށްފައިވާ ކަމަށެވެ.
ޣައްޒާގެ އެެންމެ ބޮޑު ސިޓީ ކަމަށްވާ ޣައްޒާ ސިޓީއަށް ވަންނާނެ ވަކި ތާރީހެއް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ޣައްޒާ ސިޓީ އަކީ 22 މަސް ދުވަސްވެފައިވާ ހަމަލާތަކުން ސަލާމަތްވާން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ގޮސް ތިބި ސަރަހައްދެކެވެ.
ޣައްޒާ ސިޓީ ހިފުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވާއިރު ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނީ ޣައްޒާ ސިޓީއަށް އިޒްރޭލުން މީގެ ކުރިން ނުދޭހާ ވަރުގަދައަށް މިހާރު ހަމަލާ ދެމުން ގެންދާ ކަމަށެވެ. ޣައްޒާ ސިޓީގެ އެކި ހިސާބުތަކަށް ހަމަލާ ދެމުން ދާއިރު އުސް އިމާރާތްތަކަށް ވެސް ހަމަލާތައް އަމާޒުކުރާ ކަމަށް އެ އޭޖެންސީން ބުންޏެވެ.
ސިފައިންގެ މި ޕްލޭން ފާސްކޮށްފައިވާ ކަމަށް ބުނެފައި މި ވަނީ ހަމަލާތައް ވަގުތީ ގޮތުން ނަމަވެސް ހުއްޓުމަކަށް ގެނެވޭތޯ ބެލުމަށް ކުރާ މަސައްކަތުގައި ހަމާސްގެ ޓީމެއް މިސްރުގެ އޮފިޝަލުންނާ ބައްދަލުކުރަން ގޮސްފައިވާ ކަމަށް އިއުލާނުކޮށްފައި ވަނިކޮށެވެ.
އިޒްރޭލު ސިފައިން މިކަން އިއުލާނުކުރިތާ އިރުކޮޅެއް ފަހުން ހަމާސް އިން ވަނީ ޣައްޒާ ސިޓީއަށް ވަންނަން އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާތައް ދެމުން އަންނަ ކަމަށް ބުނެފަ އެވެ.
ޣައްޒާގައި ހަމަލާތައް އަލުން ވަރުގަދަވާން އުޅޭއިރު ނަތަންޔާހޫގެ ސަރުކާރުން ރާވާފައިވާ ރޭވުންތަކާ ދެކޮޅަށް އިޒްރޭލުގެ އެތެރެ އާއި ބޭރުން ވެސް ފާޑުކިޔުންތައް އަމާޒުވެ ފިއްތުން ދަނީ އިތުރުވަމުންނެވެ. އަދި އިޒްރޭލުގެ މި އަމަލުތަކާ ހެދި ޣައްޒާގައި ހައިހޫނުކަން އާންމުވެ ނުރައްކާ ބޮޑުވަމުންދާ ކަމުގެ އިންޒާރު އދ. އާއި ޖަމާއަތްތަކުން ވެސް އަންނަނީ ދެމުންނެވެ.
އިޒްރޭލުގެ ހަމަލާތައް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި 1,219 މީހުން މަރާލުމާ އެކުގަ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 61،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
13 August 2025
އިޒްރޭލް އާ ދެކޮޅަށް އަރަބި ގައުމުތަކުން ކަމެއް ކުރާ ތަނެއް ނުފެނެ އެވެ، ރާއްޖެ އަށް ވީ ވަރުވެސް ނުވި އެވެ، ރާއްޖެ އިން ދަތުރު ނުކުރެވޭ ގޮތް ހަދައިފި އެވެ.