އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދު.
12 އެޕްރީލް 2017 - 17:10
ތެހެރާން (އެޕްރީލް 12) - އީރާނުގެ ރޫހީ ލީޑަރުގެ އިންޒާރެއް އޮތް ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދު ރަޖިސްޓްރީ ކޮށްފި އެވެ.
އީރާނުގައި ދެ ދައުރު ވެރިކަން ކުރައްވާފައިވާ އަހުމަދީނިޖާދު މެއި 19 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވާދަކުރުމަށް ދާޚިލީ ވުޒާރާ އަށް ލިޔުންތައް ހުށަހެޅުއްވި އިރު ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އޭނާ ވާދަ ނުކުރެއްވުމަށް މިދިޔަ އަހަރު އިންޒާރު ދެއްވައިފަ އެވެ. އަދި އެއީ ގައުމުގެ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ޚާމަނާއީ ވިދާޅުވެފައިވެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަހުމަދީނިޖާދު އިއްޔެ ވިދާޅުވީ ޚާމަނާއީ ދެއްވީ "ނަސޭހަތެއް" ކަމަށެވެ. ޚާމަނާއީ ވިދާޅުވެފައި ވަނީ އަހުމަދީނިޖާދު އިންތިޚާބުގައި ވާދަކުރައްވާ ނަމަ އަނެއްކާ ވެސް ގައުމުގައި ހަމަނުޖެހުން ބޮޑުވެ ބައިބައިވުން އުފެދޭނެ ކަމަށެވެ. އީރާނުގެ އިންތިޚާބުގައި 2009 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އަހުމަދީނިޖާދު ވާދަކުރެއްވުމާ ގުޅިގެން ވަނީ އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފަ އެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓަރުން ބުނީ އަހުމަދީނިޖާދު ލިޔުންތައް ހުށަހެޅުމުން އިލެކްޝަން އޮފިޝަލުންނަށް ވެސް ހައިރާންކަން ލިބުނު ކަމަށެވެ.
އީރާނުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ރަޖިސްޓްރީ ކުރަމުންދާ އިރު ރައީސް ހަސަން ރޫހާނީ އަދި ރަޖިސްޓްރީ ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް ދެ ވަނަ ދައުރަކަށް އެމަނިކުފާން ކުރިމަތިލައްވާނެ ކަމަށްވެ އެވެ.
އިންތިޚާބަށް ރަޖިސްޓްރީ ކުރުން ހޯމަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް ވަނީ 120 މީހން ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި ހަ އަންހެނުން ވެސް ހިމެނެ އެވެ. ކެންޑިޑޭޓުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހޮނިހިރު ދުވަހު ހަމަވުމުން ގާޑިއަން ކައުންސިލުން ކެންޑިޑޭޓުން ސްކްރީން ކުރާނެ އެވެ. ކެންޑިޑޭޓުން ލިސްޓް އިއުލާން ކުރާނީ މި މަހު 27 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏީޖާދު
12 April 2017
ވަރަށް ބަރާބަރު ވެރިޔެއް !
ސިންތިލީ ވޫމް
12 April 2017
މި ރާއްޖެނަމަ ވަގުތުން ޕޮލިހަ ގެންދާނެ، އަދި ފޯނުވެސް އަތުލާނެ
ސިންތިލީ މޫވްގެ މަންމަ
13 April 2017
މި ރާއްޖެއަކުވެސް ވަގުތުން ޕޮލިހަށް ނުގެންދާނެ، އަދި ފޯނުވެސް ނާތުލާނެ
ޯދޮންބެ
14 April 2017
ހެހެހެހެހެހެ