ސައުދީ ކެބިނެޓަށް ބަދަލުތަކެއް ގެނެސް، ސިވިލް ސާވިސް އިން އުނިކުރި މުސާރަ އިޔާދަކޮށްފި

ރިޔާޒް (އެޕްރީލް 23) - ސައުދީ އަރަބިއާގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސް، ސަރުކާރުގެ ޚަރަދުތައް ބޮޑުވެގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިން އުނިކުރި ބައި އަލުން އިޔާދަކޮށްދީ އެވެ.


ސައުދީގެ ސިިވިލް ސާވިސްގެ މުސާރަ ކުޑަ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ ސެޕްޓެމްބަރު 26، 2016 ގަ އެވެ. އެއީ އާމްދަނީ ދަށްވުމުން ޚަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ. ނަމަވެސް އުނިކުރި މުސާރަ އިޔާދަކުރަން ނިންމީ ސައުދީގެ އިގްތިސާދު ރަނގަޅުވާން ފެށުމުން ކަމަށް ވެސް ޝާހީ ގަނޑުވަރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ރޭ ނުރެއްވި ބަޔާނުގައި ކެބިނެޓަށް ގެނައި ބަދަލުތަކުގެ އިތުރުން ސަފީރުންގެ މަގާމަށާއި އަމީރުންގެ މަގާމުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މިނިސްޓަ އޮފް ސްޓޭޓް ފޯ އެނާޖީ އެފެއާޒްގެ މަގާމަށް ހަމައްސާފައި ވަނީ ސަލްމާންގެ ދަރިކަލުން އަބްދުލް އަޒީޒް ބިން ސަލްމާން އެވެ. ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓަރުގެ މަގާމަށް ވަނީ އަވާދު އަލް އަވާދު ހަމަޖައްސައިފަ އެވެ. ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމަށް ހަމަޖެއްސީ މުހައްމަަދު އަލް ސަވާހާ އެވެ. ސިވިލް ސާވިސް މިނިސްޓަރުގެ މަގާމުގައި ހުރި ޚާލިދު އަލް އަރާޖް ވަކިކޮށް އެ މަގާމަށް ވަނީ އީސާމް ބިން ސައީދު ހަމަޖައްސައިފަ އެވެ. މަގާމުން ދުރި ކުރި އަރާޖުގެ ކޮރަޕްޝަން މައްސަލައެއް ބެލުމަށް ވަނީ ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

ސައުދީ ރަސްގެފާންގެ ދަރިކަލުން ޚާލިދު ބިން ސަލްމާން.

ރަސްގެފާން ސަލްމާން ގެންނެވި އެންމެ މުހިންމު އެއް ބަދަލަކީ އެމެރިކާ ސަފީރުގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން ޕްރިންސް ޚާލިދު ބިން ސަލްމާން ހަމަޖެއްސުމެވެ. ސައުދީ ވައިގެ ސިފައިންގެ ޕައިލެޓަކަށް އުޅުއްވި ޚާލިދު ބިން ސަލްމާން ސަފީރު ކަމަށް ހަމަޖެއްސިއިރު އެ މަގާމުގައި ކުރިން ހުރި ޕްރިންސް އބްދުﷲ ބިން ފައިސަލް ބިން ތުރުކީ އަށް މަގާމު ދިންތާވީ އަހަރެއްހާ ދުވަހެވެ.

ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް އަދި ދިފާއީ ވަޒީރަކީ ވެސް ރަސްގެފާންގެ ދަރިކަލުން މުހައްމަދު އެވެ.

މީގެ އިތުރުން ބައެއް ރަށްތަކަށް އަމީރުންނާއި ނައިބުން ވަނީ ހަމަޖައްސައިފަ އެވެ.

ސައުދީ އަރަބިއާ އިން މިދިޔަ އަހަރު މުސާރަ އަށް ގެނައި ބަދަލުގައި ވަޒީރުންގެ މުސާރަ 20 ޕަސެންޓް ކުޑަކުރި އެވެ. ސައުދީން 2015 ވަނަ އަހަރު ކުރި ޚަރަދުގެ 45 ޕަސެންޓް ޚަރަދުކޮށްފައި ވަނީ މުސާރަ އާއި އެލަވަންސްތަކަށެވެ. އެއީ 128 ބިލިއަން ޑޮލަރެވެ.