އެމެރިކާ ސަފީރުގެ މަގާމަށް ހަމަޖެއްސި ސަލްމާން ރަސްގެފާންގެ ދަރިކަލުން ޕްރިންސް ޚާލިދު ބިން ސަލްމާން.
24 އެޕްރީލް 2017 - 11:56
ރިޔާޒް (އެޕްރީލް 24) - ސައުދީ ސަރުކާރުގެ އިސް މަގާމުތަކަށް ރަސްގެފާން ސަލްމާން އިއްޔެ ގެންނެވި ބަދަލުތަކުގައި އެމެރިކާ ސަފީރުގެ މަގާމަށް ދަރިކަލުން ޚާލިދު ބިން ސަލްމާން ވަނީ ހަމަޖައްސައިފަ އެވެ. ސައުދީ އަރަބިއާ އިން އެމެރިކާ އަށް ކަނޑައެޅި 10 ވަނަ ސަފީރުގެ މަގާމަށް ހަމަޖެއްސި ޚާލިދަކީ ސައުދީ ރޯޔަލް އެއާފޯސްގެ ޕައިލެޓެކެވެ. ޕްރިންސް ޚާލިދު އެމެރިކާ ސަފީރު ކަމަށް ހަމަޖެއްސި އިރު ކުރިން އެ މަގާމުގައި ހުންނެވި ޕްރިންސް އަބްދުﷲ ބިން ފައިސަލް މަގާމަށް ހަމަޖެއްސިތާވީ އަހަރެއްހާ ދުވަހެވެ.
އެއާޕޯސްގެ ޕައިލެޓެއްގެ ހައިސިއްޔަތުން ޕްރިންސް ޚާލިދު ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަމަލާ ދިނުމުގައި ބައިވެރިވެފަ އެވެ. އޭނާ ވަނީ 1،000 ގަޑިއިރު ބޯޓު ދުއްވުމުގެ ތަޖްރިބާ ހޯއްދަވައިފަ އެވެ. އޭނާ އަށް ވަނީ ވަރަށް ގިނަ ޝަރަފާއި މެޑަލް ލިބިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސައުތު ޝީލްޑް މެޑަލް އާއި އޯޑާ އޮފް ސައިފް އަބްދުﷲ ހިމެނެ އެވެ.
ޕްރިންސް ޚާލިދު ބިން ސަލްމާން
އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕްރިންސް ޚާލިދު ފަހުން ވަނީ ޑިފެންސް މިނިސްޓްރީގެ އޮފިސަރަކަށް ހަމަޖައްސައިފަ އެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ވަނީ އެމެރިކާ އަށް ވަޑައިގެން ސައުދީ އެމްބަސީގައި އެޑްވައިޒަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ.
އޭވިއޭޝަން ސައެންސްގެ ދާއިރާ އިން ޕްރިންސް ޚާލިދު ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ ރިޔާޒުގެ ކިންގް ފައިސަލް އެއާފޯސް އެކަޑަމީންނެވެ. އޭގެ ފަހުން ވަނީ އެމެރިކާ އިން އިތުރަށް ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަދި ގައުމީ ސަލާމަތުގެ ދާއިރާ އިން ހާވަޑް ޔުނިވާސިޓީން ވަނީ ސެޓްފިކެޓް ހާސިލް ކުރައްވައިފަ އެވެ. ޕްރިންސް ޚާލިދު ވަނީ ވޮޝިންޓަނުގެ ޖޯޖްޓައުން ޔުނިވާސިޓީގައި މާސްޓާސް އަށް ކިޔަވާ ވިދާޅުވާން ފައްޓަވައިފަ އެވެ. ނަމަވެސް ބައެއް އެސައިންމެންޓްތަކާ ގުޅިގެން ކިޔެވުން ވަނީ މެދުކަނޑާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުރު
24 April 2017
މަރުހަބާ