އިނގިރޭސި ވިލާތުގެ ސިޔާސީ އިސް މެންބަރެއް ކަމަށްވާ ސައީދާ ވަރްސީ.
20 ޖޫން 2016 - 13:51
ލަންޑަން (ޖޫން 20) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމަށް އެ ގައުމުގެ އިސް މުސްލިމް ސިޔާސީ ފަރާތެއް ކަމަށްވާ ސައީދާ ވަރުސީ ކުރިން ތާއިދު ކުރެއްވި ނަމަވެސް އުފެދުނު "ހިތްހަމަނުޖެހުމަކާ" ގުޅިގެން އެ ތާއީދު އަނބުރާ ގެނެސްފި އެވެ.
އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމަށް ތާއީދުކުރާ "ލީވް ކޭމްޕް" ދޫކޮށްލުމަށް ވަރުސީ ނިންމީ ބުރާސްފަތި ދުވަހުގެ ވޯޓުގެ ކުރިން ލޯންޗުކުރި ޕޯސްޓަރަކާ ގުޅިގެންނެވެ. އެ ޕޯސްޓަރުގައި ވަނީ ރެފިއުޖީންތަކެއް ސްލޮވީނިއާގެ ސަރަހައްދީ ރޮނގު ކައިރީ ކިޔޫ ހަދައިގެން ތިބޭ މަންޒަރެވެ. ޕޯސްޓަރުގެ ކެޕްޝަނެއްގެ ގޮތުގައި ޖަހާފައި ވަނީ "ބްރޭކިން ޕޮއިންޓް" އެވެ.
ސައިދާ ވިދާޅުވީ އެ ޕޯސްޓަރުގައި ލިޔެފައިވާ ބްރޭކިން ޕޮއިންޓަކީ އޭނާގެ ވެސް ބްރޭކިން ޕޮއިންޓް ކަމަށެވެ. ޓައިމްސް އަށް ވަރްސީ ވިދާޅުވީ މި ބާވަތުގެ ކަމަކަށް ތާއިދުކޮށް އޭނާ އަށް ކުރިއަށް ނުދެވޭނެ ކަމަށެވެ.
"އަހަރެމެން މި ތިބީ ކެމްޕޭނެއް ކާމިޔާބު ކުރަން ނަފުރަތު އުފައްދަން ދޮގު ހަދަން ތައްޔާރުވެގެންތަ؟" ވަރްސީ ސުވާލު ކުރެއްވި އެވެ.
ލީވް ކޭމްޕުގެ ތެރޭގައި ބައިބައިވުން އުފެދުނީ އީޔޫ އިން ވަކިނުވުމަށް ތާއީދުކުރި، ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ޖޯ ކޮކްސް މަރާލުމާ ގުޅިގެންނެވެ. ކޮކްސް ވަނީ ރެފިއުޖީންގެ ހައްގުތަކަށް ވަކާލާތު ކޮށްފަ އެވެ. ކޮކްސްގެ މަރުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރި ތޯމަސް މައިރުގެ ނަމަކީ ކޮބައިތޯ އެހުމުން އޭނާ ވަނީ "ޣައްދާރުންނަށް އޮތީ މަރު" ކަމަށް ބުނެފަ އެވެ.
ސައިދާ ވަރްސީ އަކީ ބޮޑު ވަޒީރު ޑޭވިޑް ކެމަރަންގެ ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ޗެއާ އެވެ. ހައުސް އޮފް ލޯޑްސްގެ މެންބަރު ވަރްސީ ވަނީ ފޮރިން އޮފީހުގެ ޖޫނިއާ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިޒްރޭލުން ގާޒާގައި 2014 ވަނަ އަހަރު ހިންގި އުދުވާނާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy