ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ. --ފޮޓޯ:އޭއެފްޕީ
03 ޖޫން 2017 - 16:49
ވޮޝިންޓަން (ޖޫން 3) - ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންނެވި ނަމަވެސް އެ މަސައްކަތް ލަސްކުރައްވައިފި އެވެ.
އިންތިޚާބުގެ ކެމްޕޭން ތެރޭ ޓްރަމްޕް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާ އިރު ވައިޓް ހައުސް އިން ބުނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުން މަޑު ޖައްސާލަން ޓްރަމްޕް ބޭނުންފުޅު ވަނީ އިޒްރޭލާއި ފަލަސްތީނުގެ ސުލްހަ އަށް މަގު ފަހި ކުރުމުގެ ގޮތުން ކަމަށެވެ. ފަލަސްތީނުގެ އޮފިޝަލުން ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފި ނަމަ ދެ ދައުލަތް އުފައްދައިގެން ގާއިމްކުރާ ސުލްހަ އަށް ހުރަސް އެޅޭނެ ކަމަށް ބުނެފަ އެވެ.
އިރުމަތީ ގުދުސް އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމަ އަށް ފަހު އެވެ. އަދި 1980 ވަނަ އަހަރު ވަނީ އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ނަމަވެސް އެކަން ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައެއް ނުވެ އެވެ.
އިޒްރޭލުން ބުނަމުން ދަނީ އެ ގައުމުގެ ވެރިރަށަށް ވާނީ ގުދުސް ކަމަށެވެ. އަދި ފަލަސްތީނުން ވެސް ބުނަމުން ދަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަކަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.
އެމެރިކާގައި 1948 ވަނަ އަހަރުގެ ފަހުން ގާއިމްކުރި ސަރުކާރުތަކުން ވަނީ ގުދުސްގެ ކުރިމަގު ނިންމާނީ އިޒްރޭލާއި ފަލަސްތީނުގެ މަޝްވަރާތަކުން ކަމަށް އޮންނަ ސިޔާސަތު ދަމަހައްޓައިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ވެރިކަމުގެ ފުރަތަމަ ދުވަހު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތިން ހަފުތާ ފަހުން އިޒްރޭލުގެ ނޫހަކަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިދިޔަ މަހު ފަހުކޮޅު އިޒްރޭއި ފަލަސްތީނުގެ ހުޅަނގު އައްސޭރި އަށް ކުރެއްވި ދަތުރުފުޅުގައި އެމްބަސީ ބަދަލު ކުރުމާ ގުޅޭ ގޮތުން ޓްރަމްޕް ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.
އެމެރިކާގެ ރައީސުން 1995 ވަނަ އަހަރުގެ ފަހުން ވަނީ ޖެރޫސަލް އެމްބަސީ އެކްޓަށް ލުއި ދިނުމަށް ކޮންމެ ހަ މަހަކުން ސޮއި ކުރައްވައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަ މަސް ދުވަސް ހަމަވުމުން ވައިޓް ހައުސް އިން ބުނެފައި ވަނީ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ ބަދަލުގައި ޓްރަމްޕް ވެސް ވަނީ ގުދުސް އެމްބަސީ އެކްޓްގައި ސޮއި ކުރައްވާފައި ކަމަށެވެ.
ޓްރަމްޕް މި ގޮތަށް ނިންމެވުމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ކުރާ މަސައްކަތަށް ވަނީ ތައުރީފް ކޮށްފަ އެވެ. އެކަމަކު އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ ސަފީރު ވަނީ ޓްރަމްޕުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy