ނަސީބު ވަޒަންކުރަން ކަމަށް ބުނެ ބޯޓުގެ އިންޖީނަށް ލާރި އުކައިފި

ޝެންހާއީ (ޖޫން 28) - ޗައިނާ މީހަކު ފްލައިޓަަށް އަރަން ދަމުން "ނަސީބު" ހުރި ވަރު ވަޒަން ކުރަން ކަމަށް ބުނެ ބޯޓުގެ އިންޖީނަށް ފައިސާ ފޮތިތަކެއް އުކުމުން އެ ބޯޓު ފުރުން ލަސްކުރަން ޖެހިއްޖެ އެވެ.


އުމުރުން 80 އަހަރުގެ އަންހެން މީހާ ޗައިނާ އީސްޓަން އެއާލައިންސްގެ އިންޖީނަށް ފައިސާ ފޮތިތައް އުކީ ބޯޓަށް އަރަން ޓާމެކުގައި ހިނގާފައި ދަމުންނެވެ. ގުދުރަތީ ގާނޫނުގެ ބޭރުން ބައެއް ކަންކަން ގަބޫޫލްކުރާ އަންހެން މީހާ ފުލުހުން ގާތު ބުނީ އޭނާ އެކަންކުރީ "ދަތުރުގެ ސަލާމަތަށްޓަކައި" ކަމަށެވެ.

އަންހެން މީހާ އެއްލި ނުވަ ފައިސާ ފޮތީގެ ތެރޭން އިންޖީނުގައި ޖެހުނީ އެންމެ ފައިސާ ފޮއްޗެކެވެ. އޭގެ ސަބަބުން 150 ޕަސިންޖަރުން ބޯޓުން ބާލާ، ބޯޓު ފުރުން އެތައް ގަޑިއިރަކަށް ލަސްކުރަން ޖެހުނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮފިސަރުން ވަނީ އެ އަންހެން މީހާއާ ސުވާލުކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލާނެ އެވެ. އަންހެން މީހާ ދަތުރު ކުރަން ހަމަޖެހިފައި ވަނީ ފިރިމީހާ އާއި އަންހެން ދަރިއަކާ އަދި ދަނބިދަރިއަކާ އެކު އެވެ.

ޗައިނާ ސަދަން އެއާލައިންސް އިން ބުނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އިންޖިނޭރުން ވަނީ ބޯޓުގެ އިންޖީނުތައް ޗެކްކޮށްފައި ކަމަށެވެ. ބޯޓު ފުރުމުގެ ހުއްދަ ދިނީ ފަސް ގަޑިއިރު ފަހުންނެވެ.