ގުދުސް (ޖުލައި 6) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ވަޑައިގެން އެ ގައުމުގައި ތިން ދުވަސް ހޭދަކުރެއްވި އިރު ފަލަސްތީނަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވާފައި ނުވާތީ ފަލަސްތީނުގެ މުސްލިމުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އިޒްރޭލަށް ވަޑައިގެންނެވި އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރުގެ ޝަރަފް ހޯއްދެވި މޯދީ އަށް އެ ގައުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އިޒްރޭލަށް ވަޑައިގަންނަވާ ބޭރުގެ ވެރިން އާއްމުގޮތެއްގައި ފަލަސްތީނަށް ވެސް ވަޑައިގަންނަވަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި މަހު އިޒްރޭލަށް ކުރެއްވި ދަތުރުފުުޅުގައި ވެސް ވަނީ ފަލަސްތީނަށް ވަޑައިގެން މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވައިފަ އެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓަރުގެ ނައިބް ތާސީރު ޖަރާދަތު ވިދާޅުވީ މޯދީ ފަލަސްތީނަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރި ކަމަށެވެ.
"ދެ ފަރާތަށް ވެސް މުހިންމު ރޯލެއް އަދާކުރުމުގެ ގޮތުން އަދި ސުލްހައިގެ މެސެޖް ފޯރުކޮށް ދިނުމަށް ދެ ގައުމަށް ވެސް ވަޑައިގަންނަވަން ޖެހޭނެ،" ޖަރާދަތު ވިދާޅުވި އެވެ.
ފަލަސްތީނުގެ ކިޔަވާ ކުއްޖެއް ކަމަށްވާ އަލީ މުހައްމަދު އަބޫޝްބަކް ވިދާޅުވީ މޯދީ ފަލަސްތީނަށް ވަޑައިނުގަތުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އިންޑިއާ އިން ކުރިން ވަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އިންޑިއާ އާއި އިޒްރޭލުން ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކުރީ 1992 ވަނަ އަހަރު އެވެ. އޭގެ ކުރިން އިންޑިއާގެ ޕާސްޕޯޓުގައި އެ ގައުމުގެ ރައްޔިތުން އިޒްރޭލަށް ދަތުރު ކުރުމުގެ ހުއްދައެއް ވެސް ނޯވެ އެވެ.