ޑްރަގާ ދެކޮޅު ހަނގުރާމައިގައި މޭޔަރަކު އަވަހާރަކޮށްލައިފި

މެނީލާ (ޖުލައި 29) - މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުން އޮންނަ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ތުހުމަތު ކުރައްވާފައިވާ މޭޔަރަކަށް ފުލުހުން ބަޑިން ހަމަލާދީ އަވަހާރަކޮށްލައިފި އެވެ.


މިންޑަނާއޯ ޖަޒީރާގެ އޮޒަމިޒް ސިޓީގެ މޭޔަރު ރޭނާލްޑޯ ޕަރޮޖިނޮންގެ ގެއަށް ދިން ހަމަލާގައި އޭނާގެ އަންހެނުންނާއި އިތުރު 10 މީހަކު ވެސް ވަނީ މަރާލައިފަ އެވެ.

އޮފިޝަލުން ބުނީ ކޯޓު އަމުރަކާ އެކު ޕަރޮޖިނޮން ހައްޔަރު ކުރަން ފުލުހުން ދިއުމުން އޭނާގެ ސެކިއުރިޓީ ގާޑުން ވަނީ ބަޑިޖަހައިފައި ކަމަށެވެ. ރައްދުގައި ފުލުހުން ވެސް ހަމަލާދީ މޭޔަރު އަވަހާރަކޮށްލީ ކަމަށް އޮފިޝަލުން ބުންޏެވެ. ނަމަވެސް ޕަރޮޖިނޮންގެ ތަރުޖަމަނާކު ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނީ މޭޔަރުގެ ކޭމްޕުން އެއްވެސް ހަމަލާއެއް ނުދޭ ކަމަށެވެ.

ފުލުހުންގެ ހަމަލާގައި މޭޔަރުގެ ކޮއްކޮއަކު ވެސް ވަނީ މަރުވެފަ އެވެ. ނަމަވެސް އެ ހަމަލާ އިން ވަނީ މޭޔަރުގެ އަންހެން ދަރިކަނބަލުން އަދި އެ ސިޓީގެ މޭޔަރުގެ ނައިބު ސަލާމަތްވެފަ އެވެ. ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބަލާ މޭޔަރުގެ ދަރިކަނބަލުން ހައްޔަރުކޮށްފަ އެވެ.

ޕަރޮޖިނޮން އަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ޑުޓާޓެ ސަރުކާރުން ފަށާފައިވާ ހަނގުރާމައިގައި އަވަހާރަކޮށްލި ތިން ވަނަ މޭޔަރެވެ. މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭން ޑުޓާޓެ ފެއްޓެވެނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ 7،000 އަށް ވުރެ ގިނަ މީހުން މަރައިފަ އެވެ.