އީރާނުގެ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ އަލީ އަކްބަރު ސޯލިހު.
23 އޯގަސްޓް 2017 - 15:31
ތެހެރާން (އޮގަސްޓް 23) - ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން އުވާލައިފި ނަމަ، ނިއުކްލިއާ ހަތިޔާރުގައި ބޭނުން ކުރެވޭ ވަރަށް ޔުރޭނިއަމް ފައްކާކުރަން އީރާނަށް ބޭނުން ވަނީ ފަސް ދުވަސް ކަމަށް އެ ގައުމުގެ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ އަލީ އަކްބަރު ސޯލިހް ވިދާޅުވެއްޖެ އެވެ.
އީރާނުގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ނައިބް ރައީސްކަން ވެސް ކުރައްވާ އަލީ އަކްބަރު ސޯލިހު ވިދާޅުވީ އީރާނުން އެގޮތަށް ނިންމައިފި ނަމަ 20 ޕަސެންޓް ޔުރޭނިއަމް ފައްކާ ކުރަން ބޭނުން ވާނީ ގިނަވެގެން ފަސް ދުވަސް ކަމަށެވެ. އަދި އެއީ ނިއުކްލިއާ ހަތިޔާރުގައި ބޭނުން ކުރެވޭނެ މިންވަރެއް ކަމަށާއި އެކަމަކު އެގޮތަށް ކަންތައް ކުރުމަކީ އީރާނުން ބޭނުންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ އެޓޮމިކް ހަކަތައާ ބެހޭ ވެރިޔާ މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2015 ވަނަ އަހަރު ގާއިމްކުރި ތާރީޚީ އެއްބަސްވުން އުވާލައްވަނެ ކަމަށް ވިދާޅުވެފަ އެވެ.
ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އިހްތިރާމް ނުކޮށް އީރާނަށް ބިރުދައްކާ އަދި އިތުރު ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ އެ އެއްބަސްވުމުން އީރާން ވަކިވާނެ ކަމުގެ އިންޒާރު ރައީސް ހަސަން ރޫހާނީ ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ. އަދި މާ އެޑްވާންސް ލެވެލްއަކަށް ނިއުކްލިއާ ޕްރޮގްރާމް ގެންދަވާނެ ކަމަށް ވަނީ ރޫހާނީ ވިދާޅުވެފަ އެވެ.
އީރާނުން މީގެ ކުރިން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދަނީ މަދަނީ ބޭނުންތަކަށް އެކަނި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy