ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް (ކ) އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
02 ސެޕްޓެމްބަރ 2017 - 12:56
ވޮޝިންޓަން (ސެޕްޓެމްބަރު 2) - އެމެރިކާގެ ޓެކްސަސް އެރި ތޫފާން ހާވޭގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި ހާލުގައި ޖެހުނު މީހުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއްވެ ދިނުމުގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ފައިސާ އިން އެއް މިލިއަން ޑޮލަރު ދޭން ނިންމަވައިފި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ހަކަބީ ސެންޑާސް ވިދާޅުވީ ޓެކްސަސް އާއި ލޫސިއާނާ އިން ހާލުގައި ޖެހުނު މީހުންނަށް ޓްރަމްޕުގެ އަމައްލަ ފައިސާ އިން ހޭދަކުރައްވަނީ އެހީ ދިނުމުގައި އެހެން މީހުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
އެމެރިކާގެ ބިލިއަނަރު ޓްރަމްޕުގެ ފަރާތުން ޗެރިޓީތަކަށް ވެދޭ އެހީތައް މަދުވުމުން މީގެ ކުރިން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސަސް އަށް ވަޑައިގެން ބައެއް ސިޓީތަކަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ. ނައިބް ރައީސް މައިކް ޕެންސް ވެސް ވަނީ ޓެކްސަސްގެ ބައެއް ސިޓީތަކަށް ބުރާސްފަތި ދުވަހު ވަޑައިގެންފަ އެވެ. ޕެންސް ވިދާޅުވީ ޓެކްސަސްގައި އެހީ ބޭނުން ވެގެން 300،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެހީ ބޭނުންވާ މީހުންނަށް ބޭނުންވާ ފައިސާ ދޫކުރުމަށް ކޮންގްރެސް އިން ވަރަށް އަވަހަށް ހުއްދަ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޕެންސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy