ޑްރަގުގެ މައްސަލައިގައި ކުށްވެރިވެއްޖެ ނަމަ ދަރިފުޅު ނަމަވެސް މަރާނަން: ޑުޓާޓެ

މެނީލާ (ސެޕްޓެމްބަރު 21) - ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މަރަން އަމުރުކުރައްވާފައިވާ އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ފިރިހެން ދަރިފުޅުގެ މައްޗަށް ތުހުމަތުކޮށްފައިވާ ޑްރަގުގެ މައްސަލަ ސާބިތު ވެއްޖެ ނަމަ ދަރިފުޅަށް ވެސް މަރުގެ އަދަބު ދޭނެ ކަމަށް ޑުޓާޓެ ވިދާޅުވެއްޖެ އެވެ.


ރައީސް ޑުޓާޓެގެ ދަރިކަލުން ޕައޮލޯ ޑުޓާޓެގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަސްތުވާތަކެތީގެ 125 މިލިއަން ޑޮލަރުގެ ޝިޕްމަންޓެއް ޗައިނާ އިން އެތެރެކޮށް ވިއްކަން އުޅުމެވެ. މި މައްސަލާގައި އެ ގައުމުގެ ސެނެޓަށް އޭނާ ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. ޕައޮލޯ، 42، ވިދާޅުވެފައި ވަނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. މި މައްސަލާގައި ވަނީ ޑުޓާޓެ ދަނބިދަރިއެއް ކަމަށްވާ މަނަސެސް ކާޕިއޯގެ މައްޗަށް ވެސް ތުހުމަތުކޮށްފަ އެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ އެއީ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޑުޓާޓެ ވިދާޅުވީ އޭނާ ކުރިން ވެސް ވާނީ ދަރިއަކު ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވެއްޖެ ނަމަ މަރުގެ އަދަބު ދޭނެ ކަމަށް ބުނެފަ އެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑުޓާޓެ ވަނީ އޭނާގެ އާއިލާގެ މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެއްޖެ ނަމަ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކޮށްފައިވާ ޑުޓާޓެގެ ދަރިފުޅު ޕައޮލޯ. --ފޮޓޯ:އޭއެފްޕީ

"އަޅުގަނޑު ކުރިން ވެސް ވާނީ އަޅުގަނޑުގެ ދަރިއަކު މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވިކަން ސާބިތުވެއްޖެ ނަމަ މަރަން އަންގާފައި. އޭރުން މީހުން ކިޔާނެ އެއްޗެއް ނޯންނާނެ. ޕައޮލޯ އަށް ވެސް އަޅުގަނޑު ވާނީ ދަންނަވާފައި ކުށްވެރިވެއްޖެ ނަމަ މަރުގެ އަދަބު ދޭނެ ކަމަށް. އަދި ޕައޮލޯ އަށް މަރުގެ އަދަބު ދޭ ފުލުހުންނަށް ހިމާޔަތް ދޭނަން،" މެނީލާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ވާހަކަ ދައްކަވަމުން ޑުޓާޓެ ރޭ ވިދާޅުވި އެވެ.

ރައީސް ޑުޓާޓެގެ ދަރިއަކާއި އަނބިދަރިއެއްގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުކޮށްފައި ވަނީ ކަސްޓަމްސް ބްރޯކަރަކު ދިން ހެކި ބަހަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ މަސްތުވާތަކެތީގެ ޝިޕްމަންޓާ ގުޅޭ ގޮތުން ރައީސްގެ ދަރިކަލުންނާއި ދަނބިދަރިކަލުންގެ ނަން އޭނާ އަށް އިވިފައިވާ ކަމަށެވެ.

ފިލިޕީންސްގެ ވެރިކަމަށް މިދިޔަ އަހަރުގެ ޖޫން މަހު ޑުޓާޓެ ވަަޑައިގަތުމަށް ފަހު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފައްޓަވައިފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކާ ނަމަ އެ މީހުން މެރުމަށް ޑުޓާޓެ ވަނީ ފުލުހުންނަށް އަމުރު ކުރައްވައިފަ އެވެ. އަދި މި ގޮތަށް ބަޑި ޖަހައިގެން ފުލުހަކު ކުށްވެރިވެ ހުކުމް އިއްވައިފި ނަމަ އެ ފުލުހަކަށް މައާފް ދެއްވާނެ ކަމަށް ވެސް ޑުޓާޓެ ވިދާޅުވެފައިވެ އެވެ.

ޑްރަގާ ދެކޮޅު އޮޕަރޭޝަންތަކުގައި މިހާތަނަށް ފިލިޕީންސްގައި ވަނީ 3،800 މީހުން މަރައިފަ އެވެ. ޝަރީއަތަކާ ނުލައި މީހުން މަރާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ޑުޓާޓެ އަށް ފާޑު ކިޔަމުންނެވެ.