24 ސެޕްޓެމްބަރ 2017 - 13:09
ނައިރޯބީ (ސެޕްޓެމްބަރު 24) - ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް ފުލުހުންނަށް އަންގަައިފި އެވެ.
ކެންޔާގެ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލް ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އިލެކްޝަން ކޮމިޝަނުން ކަންތައް ކޮށްފައިވާ ގޮތުން ކަމަށެވެ. އަދި 60 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަށް ވަނީ އަންގައިފަ އެވެ. ސުޕްރީމް ކޯޓުން ބުނީ އިންތިޚާބުގައި އޮޅުވާލުންތައް އެބަހުރި ކަމަށާއި ނަތީޖާ އިއުލާންކުރީ ވެސް ބަލަންވާ ވަރަށް ނުބަލާ ކަމަށެވެ.
ޑިރެކްޓާ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސް ކެރިއަކޯ ޓޮބިކޯ ވިދާޅުވީ އިންޑިޕެންޑެންޓް އިލެކްޓޯރަލް އެންޑް ބައުންޑަރީސް ކޮމިޝަން (އައިއީބީސީ) ގެ އޮފިޝަލުންގެ މައްޗަށް ކުރާ ތަހުގީގު 21 ދުވަހުގެ ތެރޭގައި ނިންމަން އަންގާފައިވާ ކަމަށެވެ.
ކެންޔާގެ އިިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ (މ) ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އޮގަސްޓް 8 ވަނަ ދުވަހު ބޭއްވި އިންތިޚާބު ރައީސް އުހުރު ކެންޔާއްޓާ ކާމިޔާބުކޮށްފައިވާ ކަމަށެވެ. އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަނީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އޮޑިންގާ ވަނީ އިލެކްޝަންގެ 11 އޮފިޝަލަކާ ދެކޮޅަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޮބިކޯ ވަނީ އެ 11 މެންބަރުންގެ ތަހުގީގު ފުލުހުންނާއި އެންޓި-ކޮރަޕްޝަން އެޖެންސީން ބެލުމަށް އަންގައިފަ އެވެ.
ރައީސް ކެންޔާއްޓާ ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމުގެ ތެރޭން ބަޣާވާތެއް ގެނެސްފައިވާ ކަމަށެވެ. އަދި އޮޑިންގާ ވަނީ އިލެކްޝަންގެ މެންބަރުން ބަދަލު ނުކުރާ ނަމަ އިންތިޚާބު ކޮއިކޮޓް ކޮށްފާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގފދ
24 September 2017
ވެރިކަމާ ދަން ޖެހެނީ އެންމެވެސް. މިއަށް ގާސިމެއް ޙަސަނެއް މުޙަންމަދެއް . ސޫޗީއެއް ، ޓްރމްޕެއް ނަޝިދެއް މައުމޫނެއް ޔާމީނެއް ކިޔާނެ ކަމެއް.