އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަންނާން.
15 އޮކްޓޯބަރ 2017 - 12:08
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 15) - ރޮހިންޖާ ރެފިއުޖީން ރައްކާތެރިކަމާ އެކު އަނބުރާ މިއަންމާ އަށް ގެންދަން ސަލާމަތީ މަޖިލީހުން ބާރުއަޅަން ޖެހޭ ކަމަށް އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެއްޖެ އެވެ.
ސަލާމަތީ މަޖިލީހަށް މައުލޫމާތު ދިނުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަނާން ވިދާޅުވީ އަނބުރާ މިއަންމާ އަށް ދާ ރެފިއުޖީން ކޭމްޕްތަކަށް ފޮނުވައިގެން ނުވާނެ ކަމަށާއި އެކަމަކު އެ މީހުން ފޮނުވަން ޖެހޭނީ އެ މީހުންގެ ގެދޮރަށް ކަމަށެވެ.
ކޯފީ އަނާން ވަނީ ރޮޮހިންޖާ މީހުން މިއަންމާގައި ދިރިއުޅޭ ރަކީން ސްޓޭޓް ކޮމިޝަނުގެ އިސްވެރިއެއްގެ ގޮތުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ.
އަނާން ވިދާޅުވީ އޭނާ ބޭނުން ވަނީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމަށް އެ ގައުމުގެ ސަރުކާރު ބާރުއަޅަން ސަލާމަތީ މަޖިލީހުގެ ގަރާރެއް ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ފްރާންސް އަދި އިނގިރޭސިވިލާތުން ދަނީ މިއަންމާ ސަރުކާރަށް ހަރުކަށި ފިޔަވަޅު އަޅަން ބާރު އަޅަމުންނެވެ. ނަމަވެސް މިއަންމާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސް ނުކުރެވިގެން އުޅެނީ ޗައިނާ އާއި ރަޝިޔާ އިން ދެކޮޅު ހަދަމުންދާތީ އެވެ.
ސަލާމަތީ މަޖިލީހުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ފްރާންސްގެ މަންދޫބު ފްރާންސްވާ ޑެލައްޓްރެ ވިދާޅުވީ މިއަންމާގައި ކުރިއަށް ގެންދަނީ ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކަމަށެވެ.
އަނާން ވިދާޅުވީ ރަކީންގައި ހަމަލާތައް މިހާރު ހުއްޓާލާފައިވީ ނަމަވެސް ރެފިއުޖީން އަނބުރާ ރަކީން އަށް ދިއުމަށް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަނާންގެ ކޮމިޝަނުން ވަނީ ރޮހިންޖާ މީހުންނަކީ ވެސް މިއަންމާގެ ރައްޔިތުންގެ ގޮތުގައި ހެދުމަށް ލަފާދީފަ އެވެ.
އަނާން ވިދާޅުވީ ރޮހިންޖާ މައްސަލައިގެ އަސްލު ހޯދާ އެ ކަމަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy