ނައިރޯބީ (އޮކްޓޯބަރު 18) - ކެންޔާގައި އަންނަ ހަފުތާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކޮށް ގެންދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށް ބުނެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވާ ވަޑައިގެންފި އެވެ.
އިންޑިޕެންޑެންޓް އިލެކްޓޯރަލް އެންޑް ބައުންޑަރީސް ކޮމިޝަން (އައިއީބީސީ) ގެ މެންބަރު ރޮސޭލްން އަކޮމްބޭ ވިދާޅުވީ ކޮމިޝަން އޮތީ ވަކިކޮޅަކަށް ޖެހިފައި ކަމަށެވެ.
"އިލެކްޝަން ކޮމިޝަން މިހާރު އޮތް ހާލަތުގައި މި މަހު 26 ވަނަ ދުވަހު އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ. އަދި އެފަދަ ބޭއިންސާފު ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަން އަޅުގަނޑު ބޭނުމެއް ނުވޭ،" އަކޮމްބޭ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ކެންޔާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަމިއްލަ ސަލާމަތަށް ނުރައްކާ އޮތުމުން އަކޮމްބޭ ވަޑައިގެންނެވީ އެމެރިކާއަށެވެ.
އޮގަސްޓް 8 ވަނަ ދުވަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލްކުރީ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ އެވެ. އިންތިޚާބުގައި ރައީސް އުހުރު ކެންޔާއްޓާއާ ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ މިދިޔަ ހަފުތާގައި ވަނީ އިންތިޚާބީ ރޭހުން ވަކިވެވަޑައިގެންފަ އެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ މިހާރު އޮތް އިލެކްޝަން ކޮމިޝަން އޮވެގެން ބާއްވާ އެއްވެސް އިންތިޚާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ.
"އޮގަސްޓް 8 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ވުރެ އޮކްޓޯބަރު 26 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކަންކަން މާބޮޑަށް ވެސް ގޯސްވާނެކަމުގެ ނިޝާންތައް މިހާރު ވެސް ދަނީ ފެންނަމުން،" އޮޑިންގާ ވިދާޅުވި އެވެ.
ކެންޔާ ޕާލަމެންޓުން މިދިޔަ ހަފުތާގައި ވަނީ ދެ ވަނަ ބުރުގެ ވޯޓުލުމުން އެއް ކެންޑިޑޭޓަކު ވަކިވެއްޖެ ނަމަ އަނެއް ކެންޑިޑޭޓް މޮޅުވާނެ ކަމަށް ބުނެ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ވޯޓުގައި އިދިކޮޅު މެންބަރުން ބައިވެރިއެއް ނުވެ އެވެ.