ރެފިއުޖީން ފޮނުވުން ލަސްކުރަނީ ބަންގްލަދޭޝް އަށް ލިބުނު އެހީގެ ދަހިވެތިކަމުގައި: މިއަންމާ

ޔަންގޮން (ނޮވެމްބަރު 2) - ރަކީން ސްޓޭޓް ދޫކޮށް ދިޔަ ރެފިއުޖީން އަނބުރާ ފޮނުވަން ބަންގްލަދޭޝް އިން ދެކޮޅު ހަދަމުން ދަނީ ބައިނަލްއަގުވާމީ ގޮތުން ލިބެމުންދާ ބޮޑެތި އެހީތަކުގެ ސަބަބުން ކަމަށް މިއަންމާ އިން ބުނެފި އެވެ.


މިއަންމާ ސަރުކާރުގެ ތަރުޖަމާން ޒޯ ޓޭ ވިދާޅުވީ ރެފިއުޖީންނަށް ހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ ބަންގްލަދޭޝް އިން 400 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ހޯދާފައިވާ ކަމަށެވެ.

"ބަންގްލަދޭޝް އިން ވަނީ 400 މިލިއަން ޑޮލަރު ރެފިއުޖީންނަށް ޓަކައި ކަމަށް ބުނެ ހޯދާފައި. އެހެންވެ ރެފިއުޖީން ފޮނުވަން އެ މީހުން ދެކޮޅު ހަދާތީ ޖެހިލުންވޭ،" ޒޯ ޓޭ ވިދާޅުވި އެވެ.

އެކަމަކު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ ރެފިއުޖީން އަނބުރާ ފޮނުވުން މަޑުޖެހިފައި ވަނީ ދެ ގައުމުގެ މެދުގައި އެއްބަސްވުމެއް ގާއިމް ކުރަން ކަމަށެވެ. މިއަންމާ އިން ބުނެފައި ވަނީ ރޮހިންޖާ މީހުންގެ ތެރޭން އަނބުރާ އެ ގައުމަށް ދެވޭނީ އެއީ ރަކީންގައި ކުރިން އުޅެފައިވާ މީހެއް ކަމުގެ ހެއްކެއް ދެއްކުމުން ކަމަށެވެ. ނަމަވެސް މިއީ އުނދަގޫ ކަމެކެވެ. ރަކީންގައި ދިރިއުޅޭ ރޮހިންޖާ މީހުންނަކީ މިއަންމާ ރައްޔިތުން ކަމަށް އެ ގައުމުން ބަލައިގެންފައެއް ނުވެ އެވެ. އެހެންވެ އެ މީހުންނަށް ކާކުކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުމެއް ދީފައެއް ނޯވެ އެވެ.

ރަކީންގައި މިހާރު ތިބި މީހުންނަށް ނޭޝަނަލް ވެރިފިކޭޝަން ކާޑެއް ދޫކުރުމުގެ މަސައްކަތް މިއަންމާ ސަރުކާރުން ވަނީ ފަށައިފަ އެވެ.

ރެފިއުޖީން އަނބުރާ ރަކީން އަށް ދިޔަ ނަމަވެސް އެ މީހުން ދިރިއުޅޭނެ ތަނެއް މިހާރަކު ނެތެވެ. މިއަންމާ ސިފައިންނާއި ބުޑިސްޓުން ވަނީ ރޮހިންޖާ މުސްލިމުންގެ ގެދޮރުގައި އަލިފާން ޖަހާ އެ ތަންތަން އަޅިއަށް ހަދާލައިފަ އެވެ.

ރަކީންގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށުމުން އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެެ. ރެފިއުޖީން އަނބުރާ ގެންދަން މިއަންމާ އިން އެއްބަސްވީ ބައިނަލްއަގުވާމީ ގޮތުން އެތައް ޕްރެޝަރެއް ކުރަން ފެށުމުންނެވެ.