ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

ވޮޝިންޓަން (ޑިސެމްބަރު 6) - އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.


ވައިޓް ހައުސްގައި ޓްރަމްޕް މިރޭ ދެއްވި ބަޔާނުގައި ވިދާޅުވީ އޭނާ މިރޭ މި ފުރިހަމަ ކުރެއްވީ މެދުއިރުމަތީގެ ސުލްހަ އަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިއީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނަން ޖެހޭ ވަގުތު. އެއީ ކުރަންވެފައި އޮތް ރަނގަޅު ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މީގެ ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަނާއި ޖޯޖް ބުޝް ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ ބޭފުޅުން ވެސް ވެރިކަމަށް ވަޑައިގެން އަމަލީ ގޮތުން އެކަން ކުރައްވަން އުޅުއްވައިފައެއް ނުވެ އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަދި މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ. އެހެންކަމުން އެމެރިކާ އަކީ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ގުދުސް އަކީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމަށް ބަލައިގެން ފުރަތަމަ ގައުމެވެ.

އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ފަހުން އެ ގައުމުން ކަނޑައެޅި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އިޒްރޭލުން ބުނަމުން ދަނީ މުޅި ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށެވެ. ފަލަސްތީނުން ބުނަމުން ދަނީ މުސްތަގްބަލުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.