އިޒްރޭލުގެ ވެރިރަށަށް ގުދުސް ހެދޭނެ ގޮތެއް ނެތް

ގުދުސް (ޑިސެމްބަރު 7) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގެންފި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ރަސްމީކޮށް އިއުލާން ކުރެއްވުމަށް ފަހު އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ.


ޓްރަމްޕުގެ އެ ނިންމެވުމުން މުޅި ދުނިޔޭގައި ދަނީ ކުށްވެރި ކުރަމުންނެވެ.

އިޒްރޭލުން އިރުމަތީ ގުދުސް އަށް ވެރިވެގަތީ 1967 ވަނަ އަހަރު ކުރި ހަނގުރާމަ އަށް ފަހު އެވެ. ގުދުސްގެ ހުޅަނގުގެ ސަރަހައްދު ވަނީ 1948 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލް ހަނގުރާމައިގައި ހިފައިފަ އެވެ. އިރުމަތީ ގުދުސް އިޒްރޭލުން ހިފުމާ އެކު މުޅި ސިޓީ ވަނީ ޔަހޫދީ ދައުލަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އެކަމަކު އެކަން ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައެއް ނުވެ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ. ފަލަސްތީނު - އިޒްރޭލް ހަމަނުޖެހުމުގައި ހައްލު ކުރަން އެންމެ އުނދަގޫވެފައި ވަނީ ވެސް ގުދުސްގެ މައްސަލަ އެވެ. ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހަދަން މަސައްކަތް ކުރާ އިރު ފަލަސްތީނުން ބުނަމުން ދަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ. އަދި ގުދުސް އަކީ ވެރިރަށުގެ ގޮތުގައި ނުހިމެނޭ ދައުލަތެއްގެ މާނައެއް ނެތް ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ.

ބައިނަލްއަގުވާމީ މުޖްތަމައު ދެކޭ ގޮތް

ތާރީޚީ ފަލަސްތީން ޔަހޫދީންނާއި އަރަބިންނާ މެދު ބައިކުރުމުގެ 1947 ވަނަ އަހަރުގެ އދ.ގެ ޕާޓިޝަން ޕްލޭނުގެ ދަށުން ގުދުސް އަށް ވަނީ ޚާއްސަ ދަރަޖައެއް ދީފަ އެވެ. ގުދުސް އަކީ އެއްވެސް ބައެއްގެ ބާރުގެ ދަށުގައި އޮންނަ ތަނެއް ނޫން ކަމަށް ހަމަޖެއްސީ ގުދުސްގައިވާ މުގައްދަސް ބިނާތަކުގެ ސަބަބުންނެވެ. ނަމަވެސް 1948 ވަނަ އަހަރުގެ ހަނގުރާމައިގައި ޒަޔަނިސްޓް ބާރުތަކުން ވަނީ ގުދުސްގެ ހުޅަނގުގެ ތަންތަން ހިފާ އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ވަންނަ މީހުން ފާސްކުރަން އިޒްރޭލުން މެޓަލް ޑިޓެކްޓާ ހަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

އޭގެ ފަހުން އިޒްރޭލުން ވަނީ 1967 ވަނަ އަހަރު ހަނގުރާމައިގައި އިރުމަތީ ގުދުސް ވެސް ހިފައިފަ އެވެ. އޭރު އިރުމަތީ ގުދުސް އޮތީ ޖޯޑަންގެ ބެލުމުގެ ދަށުގަ އެވެ. އަދި އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި އެ ގައުމުގެ ގާނޫނުތަކުގައި ވަނީ ހިމަނައިފަ އެވެ. އިޒްރޭލުން 1980 ވަނަ އަހަރު ފާސްކުރި "ގުދުސް ގާނޫނު"ގެ ދަށުން އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހިމަނާ މުޅި ގުދުސް އެއީ އިޒްރޭލުގެ ވެރި ރަށް ކަމަށް ކަނޑައެޅި އެވެ. އެކަމަކު ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އަދި އދ. ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ފާސްކުރި 478 ވަނަ ގަރާރުގެ ދަށުން ވަނީ އިޒްރޭލުން ފާސްކުރި ގާނޫނު ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ.

އެމެރިކާ ވެސް ހިމެނޭ ގޮތަށް ބައިނަލައަގުވާމީ މުޖްތަމައުން ދެކެމުން އައީ އިރުމަތީ ގުދުސް އަކީ އިޒްރޭލުން ހިފާފައިވާ ބިމެއް ކަމަށެވެ. އަދި ގުދުސްގެ އެއްވެސް ބަޔަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން މި އަހަރު ކުރީކޮޅާ ހަމައަށް ބަލައިގެންފައެއް ނުވެ އެވެ. ރަޝިޔާ އިން މި އަހަރު ކުރީކޮޅު ވަނީ ހުޅަނގު ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގެންފަ އެވެ. އެކަމަކު ހުރިހާ އެމްބަސީތަކެއް ހުންނަނީ ތެލް އަވީވުގަ އެވެ.

ގުދުސްގައި އުޅޭ ފަލަސްތީން މީހުން

އިރުމަތީ ގުދުސް އިޒްރޭލުގެ ތަނަކަށް ހެދުމަށް ފަހު އެ ތަނުގައި އުޅޭ ފަލަސްތީނު މީހުންނަށް ރައްވެހިކަން ދީފައެއް ނުވެ އެވެ. ފަލަސްތީނުގެ 420،000 މީހުން އިރުމަތީ ގުދުސްގައި ދިރިއުޅެ އެވެ. އިރުމަތީ ގުދުސްގައި އުޅޭ ފަލަސްތީނު މީހުންނާ މެދު އިޒްރޭލުން ދެކެނީ އެއީ އެ ބިމަށް ވަޒަންވެރިވެފައިވާ ބައެއްގެ ގޮތުގަ އެވެ.

އިރުމަތީ ގުދުސްގައި އިޒްރޭލުގެ 200،000 މީހުން އުޅެ އެވެ. އެ މީހުންނަށް އިޒްރޭލް ސިފައިންގެ ހިމާޔަތް ލިބެ އެވެ.