އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރާ އަދަދު ދަނީ އިތުރުވަމުން.
08 ޑިސެމްބަރ 2017 - 15:49
ނިއު ދިއްލީ (ޑިސެމްބަރު 8) - އުމުރުން 10 އަހަރުގައި ބަލިވެ އިނދެ ވިހޭ އިންޑިއާ ކުއްޖާގެ ދަރިފުޅު ބަލަން ބަޔަކާ ހަވާލުކޮށްފި އެވެ.
ދިހަ އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އޭނާގެ ދެ ބޮޑުބޭބެ އެވެ. އެ ބޮޑު ބޭބެ އުމުރަށް ޖަލަށްލުމަށް މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ތިން މަހުގެ ދަރިފުޅު ބަލަން ހަވާލުވެފައި ވަނީ މަހާރާޝްތުރާ ސްޓޭޓުގެ ދެމަފިރިއެކެވެ. އެ ކުއްޖާ މިހާތަނަށް އޮތީ ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގަ އެވެ.
އިންޑިއާގައި ކުޑަކުދިން ރޭޕްކުރި ނިސްބަތް މިދިޔަ އަހަރު ވަނީ ވަރަށް މައްޗަށް ޖެހިފަ އެވެ. ނޭޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު 8،800 ކުދިން ރޭޕްކުރި އިރު މިދިޔަ އަހަރު ވަނީ 19،920 ކުދިން ރޭޕްކޮށްފަ އެވެ.
އަންހެން ކުއްޖާގެ ބަނޑުގައި ރިއްސާތީ އޭނާ ޑޮކްޓަރަށް ދެއްކުމުން ބަލިވެ އިންކަން އެނގުނީ މިދިޔަ ޖުލައި މަހު އެވެ. އެބޯޝަން ހެދުމުގެ ހުއްދަ އަށް އެދި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން އެންގީ އެބޯޓްކޮށްލެވޭ މުއްދަތު ފަހަނަޅާފައިވާ ކަމަށެވެ. އެބޯޝަން ހެދުމުގެ ހުއްދަ އަށް އެދުނު އިރު ކުއްޖާގެ ބަނޑަށް 30 ހަފުތާ އެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ އާއި ކުޑަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދިމާ ނުވާ ކަމަށް ފުލުހުން ބުނުމާ އެކު މައްސަލައިގެ ތަހުގީގު ވަނީ ފުޅާކޮށްފަ އެވެ. ފަހުން ހައްޔަރުކޮށްފައި ވަނީ ރޭޕުގެ މައްސަލައިގައި ފުރަތަމަ ތުހުމަތު ކުރި ބޮޑު ބޭބެގެ ކޮއްކޮ އެވެ. އަދި 10 އަހަރުގެ ކުއްޖާގެ ދަރިފުޅުގެ ބައްޕަ އަކީ ފަހުން ހައްޔަރުކުރި ބޮޑު ބޭބެ ކަމަށް ޓެސްޓްތަކުން ދައްކާފައިވެ އެވެ.
ފުލުހުންނާއި ޗައިލްޑް ވެލްފެއާ އެކްޓިވިސްޓުން ގާތު 10 އަހަރުގެ ކުއްޖާ ބުނެފައި ވަނީ ހަތް މަސް ވަންދެން އޭނާ ރޭޕްކުރީ ފުރަތަމަ ހައްޔަރުކުރި ބޮޑުބޭބެ ކަމަށެވެ. ވީޑިއޯ މެދުވެރިކޮށް ކޯޓުގައި ވެސް އެ ކުއްޖާ ވަނީ އޭނާ ރޭޕްކުރި ބޮޑުބޭބެގެ ނަމާ އެކު ބުނެފަ އެވެ.
ދިހަ އަހަރުގެ ކުއްޖާ ބަލިވެއިންކަން އެނގުނީ ޖުލައި މަހު މެދުތެރޭގަ އެވެ. ކުއްޖާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން ބެލެނިވެރިން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރި އިރު އެ ކުއްޖާ ބަނޑު ބޮޑެވެ. ޑޮކްޓަރުންގެ ޕެނަލަކުން ލަފާ ދިނުމުން ޗަންދިގާރުގެ ކޯޓަކުން ވަނީ ކުއްޖާގެ އެބޯޝަން ހެދުމަށް ދެކޮޅު ހަދައިފަ އެވެ. އަދި ފަހުން ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް އެކަމަށް ދެކޮޅު ހަދައިފަ އެވެ. އެ ކުއްޖާ ވިހެއީ އޮގަސްޓް މަހު އެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދޗދސދސ
09 December 2017
ތަންތަނުގެ ބެލުުމުގެ ދަށުގައި ކުދިން ހުންނާނީއެވެ.