ރޭލް ދުއްވަން ގުދުސްގެ އަޑިން ބިންގަރާސް މަގެއް ހަދަނީ

ގުދުސްގެ މުސްކުޅި ސަހަރުގެ އަޑިން ރޭލު ދުއްވަން ބިންގަރާސް މަގެއް ކޮންނަން އިޒްރޭލު ސަރުކާރުން ނިންމައި އިއްޔެ އެކަން އިއުލާން ކޮށްފި އެވެ.


އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރު ޔިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި މި ބިންގަރާސް މަގުގައި ހުންނަ ރޭލް ސްޓޭޝަންތަކުގެ ތެރެއިން އަގްސާ މިސްކިތާ އެންމެ ކައިރީގައި ހުންނަ ސްޓޭޝަނަށް ނަން ދޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނަމުންނެވެ. އެއީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން މި މަޝްރޫއު ކުރިއަށް ގެންދަނީ މުސްލިމުންނަށް ފުރައްސާރަކޮށް ޖެއްސުން ކުރުމުގެ ގޮތުންނެވެ. ގުދުސަކީ މުސްލިމުންނާއި ކްރިސްޓިއަނުންގެ ގާތުގައި ވެސް މުގައްދަސް ބިމަކަށްވާއިރު، ހަމައެކަނި ޔަހޫދީން ބޭނުންހާ ގޮތަކަށް އެ ރަށާ މެދު އަމަލު ނުކުރުމަށް މުސްލިމުންނާއި ކްރިސްޓިއަނުން ވެސް ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން މަސްޖިދުލް އަގްސާ ކައިރީގައި ހަދާ ރޭލް ސްޓޭޝަނަށް ޓްރަމްޕުގެ ނަން ދިނުމަށް ނިންމީ ވެސް މުސްލިމުން ރުޅިއެރުވުމަށެވެ. މަސްޖިދުލް އަގްސާގެ ހަރިންމަ ތެރޭގައި ހުންނަ ބުރާގު ފާރު (ވެސްޓަން ވޯލް) އަކީ ޔަހޫދީންގެ ގާތުގައި ވަރަށް މުގައްދަސް ތަނެކެވެ. އެއީ ސުލައިމާންގެފާނުގެ އަޅުކަންކުރެއްވި ބިނާގެ ފާރެއް ކަމަށް ބަލައި، ޔަހޫދީން އަޅުކަން ކުރަމުން އަންނަނީ އެ ފާރު ކައިރީގަ އެވެ.

މީގެ ކުރިން ވެސް އިޒްރޭލުން ވަނީ މަސްޖިދުލް އަގްސާގެ ބިމު އަޑިން ކޮނެ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި މަސްޖިދުލް އަގްސާ ބިނާކޮށްފައިވަނީ، ސުލައިމާންގެފާނު އަޅުކަން ކުރެއްވި ބިނާ ތަޅައިލުމަށް ފަހު އެ ބިމުގަ އެވެ. އެހެންކަމުން އެތަން ކޮންނަނީ ސުލައިމާންގެފާނު އަޅުކަންކުރެއްވި ބިނާގެ އެއްވެސް އަސަރެއް ފެނޭތޯ ބެލުމަށެވެ.

ގުދުސްގެ އާސާރީ ސަހަރަކީ، ޔުނެސްކޯގެ އާސާރީ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ސަހަރެކެވެ. އެހެންކަމުން އެ ސަހަރުގެ އަޑިން ކޮނެ ބިންގަރާސް މަގުތައް ހެދުމަކީ ޔުނެސްކޯ އިން ދެކޮޅު ހަދާ ކަމެކެވެ.

އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި ގޮތުގައި ގުދުސްގެ އަޑިން ހަދާ ރޭލު ދުއްވާ ބިންގަރާސް މަގަކީ ތެލް އަބީބާއި ގުދުސް ގުޅުވައިލުމަށް ފަށާފައިވާ މަޝްރޫއުގެ ބައެކެވެ. އަދި އެ މިނިސްޓްރީން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް އެ މަޝްރޫއު ފުރިހަމަ ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ހުޅަނގު ގުދުސާއި އިރުމަތީ ގުދުސާ ދެމެދު ތިން ކިލޯމީޓަރުގެ ބިންގަރާސް މަގެއް ކޮންނާނެ އެވެ. އިރުމަތީ ގުދުސަކީ 1967 ގެ އަރަބި އިޒްރޭލު ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ބިމެކެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ