އީރާންގެ މުޒާހަރާގެ ބައިވެރިން، ވެރިރަށް ތެހެރާންގެ މަގުތަކުގައި ހުރި ކުނި ވަށިގަނޑުތަކުގައި ހުޅުޖަހައި، ފުލުހުންނަށް މަގު ބަންދު ކުރަނީ. ފޮޓޯ ރޮއިޓާސް
01 ޖެނުއަރީ 2018 - 15:30
މީގެ ފަސް ދުވަސް ކުރިން އީރާންގައި ފެށި މުޒާހަރާ އެ ގައުމުގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދުތަކަކަށް މިހާރު ފެތުރި، މުޒާހަރާގެ ބައިވެރިންނާއި ގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުންތައް ވެސް ވަރުގަދަ ވެއްޖެ އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މުޒާހަރާތައް ކުރަމުން އައީ ވެރިރަށް ތެހެރާނާއި ބޮޑެތި އެހެން ސަހަރުތަކުގަ އެވެ. ނަމަވެސް މުޒާހަރާގެ ފަސް ވަނަ ދުވަހަށް އިރު އެރި އިރު، ބޮޑެތި ސަހަރުތަކުގެ އިތުރުން ކުދި ސަހަރުތަކާއި އަވަށްތަކުގައި ވެސް ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފަށައިފަ އެވެ.
މީގެ ކުރިން މުޒާހަރާގައި ބައިވެރި ނުވާ ސަހަރެއް ކަމަށްވާ އަލީގުދަރްޒް ގައި މުޒާހަރާ އަށް ނުކުންނަން އުޅޭ ކަމުގެ އަޑު ފެތުރުމާ އެކު، ސަލާމަތީ ބާރުތަކުގެ މެމްބަރުން ހަތިޔާރާ އެކު ނުކުމެ މަގުތަކުގައި ފޯރިމަރަން އިއްޔެ ފެށި އެވެ. އަދި މަގުތަކަށް ނުނިކުތުމަށް އިންޒާރު ދެމުން ދިޔަ ނަމަވެސް، މިއަދު ހެނދުނު އިރު އެރީ އެ ސަހަރުގެ މަގުތައް ފުރި ބާރުވެފައި ވަނިކޮށެވެ.
މުޒާހަރާތައް ހުއްޓުވުމަށް އީރާންގެ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖެހުމުގެ ސަބަބުން މިހާތަނަށް 10 މީހުން މަރުވެފައިވާ ކަމަށް އީރާންގެ ރަސްމީ ޓީވީން ބުނެ އެވެ. ފުލުހުންގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ އިރު، ސަރުކާރު މީޑިއާ އިން ބުނާ ގޮތުގައި 300 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. ނަަމަވެސް އަމިއްލަ ޖަމާއަތްތަކުން ބުނާ ގޮތުގައި ހައްޔަރު ކުރި މީހުންގެ އަދަދު މިހާރު ވަނީ 500 އަށް ވުރެ މަތިވެފަ އެވެ.
އީރާންގެ މުޒާހަރާގެ ޚަބަރުތަކާއި ފޮޓޯތައް ދުނިޔޭގެ އެކި މީޑިއާތަކުން ގެނެސްދެމުން ދާތީ އާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދީ ގިނަ މީހުން މުޒާހަރާ އަށް ނުކުތުމަށް ގޮވައިލަމުން ދާތީ، ބޮޑެތި ހުރިހާ ސަހަރުތަކަކުން މިހާރު ވަނީ އިންޓަނެޓްގެ ޚިދުމަތް ވެސް ކަނޑާލައިފަ އެވެ.
މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުންނަން ފެށީ، އީރާންގައި ކާބޯތަކެތީގެ އަގުތައް މައްޗަށް އުފުލި ޚިދުމަތްތަކުގެ އަގު ބޮޑުވަމުންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ނަމަވެސް މިހާރު މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި ރައީސް ހަސަން ރޫހާނީ އެ މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ގައުމުގެ ވެރިންނަށް ފާޑު ކިޔައި ސަރުކާރުގެ ކަންކަމާ މެދު އިހުތިޖާޖް ކުރުމުގެ ފުރިހަމަ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. ނަމަވެސް މީހުންގެ މުދަލަށް ގެއްލުންދިނުމާއި ތަންތަނުގައި ހުޅުޖެހުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ ކަމަށް ހަސަން ރޫހާނީ ވިދާޅުވި އެވެ.
އިރާންގެ ދާހިލީ ވަޒީރު ވިދާޅުވީ މުޒާހަރާ ކުރަން ނުކުމެ އުޅެނީ ގައުމުގެ ހަމަޖެހުން ނަގާލައި ފިތުނަ އުފައްދަން އުޅޭ މީހުން ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ކަނޑައެޅިގެން ބޭނުންވަނީ ކޮން ކަންތައްތަކެއް ކަން މިހާތަނަށް ވެސް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން ބައެއް ސަހަރުތަކުގައި ހުރި ސަރުކާރުގެ ބައެއް އިދާރާތައް ވެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މަގުމަތީ ހުންނަ އުޅަނދުތަކާއި ބައެއް ފިހާރަތަކުގައި ހުޅުޖަހާފައިވެ އެވެ. އަދި ބައެއް ސަހަރުތަކުގެ އާންމު ތަންތާނގައި ބަހައްޓާފައި ހުރި ރައީސް ރޫހާނީ އާއި ރޫހާނީ ލީޑަރު ޚާމަނާއީގެ ފޮޓޯތަކުގައި ވަނީ ހުޅުޖަހައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ އީރާންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، އީރާންގެ މުދަލާއި ފައިސާ އެ ގައުމުގެ ވެރިން ވަގަށް ނަގަމުންދާ ކަން އީރާންގެ ރައްޔިތުންނަށް މިހާރު އެނގިއްޖެ ކަމަށެވެ. އެހެންކަމުން އެކަން ތަކުރާރު ކުރަން އީރާންގެ ރައްޔިތުން ދޫ ނުދޭނެ ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮކެޓް ސައިންސް
02 January 2018
އަހަރުމެނަށް ކީއްތަ އީރާނު އެކޮޅުކޮޅުން ޖެހުނިއްޔާ.
މެންޓަލިސްޓް
02 January 2018
އެންމެފަހުން އެންމެ މައިތިރިކޮށް އޮތް މިޑްލްއީސްޓްގެ ގައުމުގެވެސް ދުވަސް ދަނީތާދޯ ؟؟ އަޅުގަނޑު ކުރީންވެސް ބުނެއުޅުނީމު 2018 އަކީ ދުނިޔޭގެ ވަރަށް ގިނަކަންކަމަށް ބަދަލުއަންނާނެއަހަރެކޭ ،، ސޯލަރސިސްޓަމްގެ ދައުރުވުމުގައި ވެސް ޙާއްސަ އެވެންޓްތަކެށް މިއަހަރަށް ފޯލްވެގެންދާނެ ،،، ، އިންސާނުންގެ އިނާރޖީސިފްޓްއަށްވެސް ބަދަލުތަކެށް އަންނާނެ ،،، މީޙުންކަންކަމާޢި މެދުވިސްނާގޮތްފޮތް ބަދަލުތަކެށްއަންނާނެ ،،، މިއޮތްހުރިހާ ޒަމާންވީ ގަދަނިދީން މީޙުން ހޭލަންފަށާނެ ،،، ، ކުރީޒަމާނުގެ ގެއްލިފައިވާ ބޮޑެތި އެޑްވާންސް ސިޓީތަކުގެ ވާހަކަތަށް ފެންމަތިވެ ހެއްކާޢި ގަރީނާތަށް ސާފްވާންފަށާނެ ،،، ،އިންސާނުންގެ ޒަމާންވީ ބިލީފްސިސްޓަމްތަކާއި ދޭތެރޭ ސުވާލު އުފެދެން ފަށާނެ ،،،،، މިހެންގޮސް ލައްކަ ކަންކަމުގެ އަހަަރެއްކަމުގައި 2018 ވެގެންދާނެ ،،، މައައްސަލާމާ
މަސޮރު
01 January 2018
އެމެރިކާ، ޔޫރަޕް އަދި އިސްރާއިލްގެ އިންޓެލް ސަރވިސްތަކުން ވާގި ލިބޭ ބަޔަކު އިރާންވެސް ދުއްވާލަނީ... އެއްވެސް މުސްލިމް ޤައުމެއް އަމިއްލަ ފައި މަށްޗަށް ކޮޅަށް ތެދުވާތަން ބަލަން އެބައި މީހުންނަށް ވ އުނދަގޫ ވާނެ... އެހެންވީމަ އެމީހުންގެ ގޮނޑި ކޮއްކޮ ވެރިކަމެއް ގާއިމް ކުރެވޭތޯ މަސައްކަތް ފެށީ... ސީރިޔާގަ ބަލިވި ގޮތަށް އިރާންގަވެސް ތި ބައިގަނޑު ބަލިވެ ފަޟީހަތްވުން ނޫން ކަމެއް ނުވާނެ...
ޥަޖީހް
01 January 2018
މިކަން ހިންގުމަށް ބާރުވެރިވަނީ އެމެރިކާ އިޒްރޭލް އަދި އިންްޑިއާ ގެ ބީޖޭޕީ ސަރުކާރުން. ޟި ތިންބައި މީހުންވެސް ބޭނުންވަނީ އީރާން އަދި ޕާކިސްތާން، ސީރިއާ އަދި ލީބިޔާ ފަދައިން ހަލާކުކޮއްލަން
މަޖީދީމަގުން
01 January 2018
ހޫސީން، ސީރިޔާގެއަސަދު، ހިޒްބުﷲ ހިމާޔަތް ކުރުމުގެ ނަތީޖާ
ޔުނައިޓެޑް އައްޑޫ
01 January 2018
ޒައިނިސްޓުންގެ ބޯގޯސް ކަރުދާސް ފައިސާގެ މަޅީގައި ޖެހިންގެ އެމީހުންގެ އެޖެންޑާ ހާސިލްކޮށްދިނުމަށް މުޒާހަރާކުރާ ބައެއް އެއީ. އެމީހުން މުޒާހަރާގައި ގޮވަމުންދަނީ ޤުރުއާނަށް ނޫނެކޭ ބުނާށޭ. މިގޮވުންތަކަށް އެމެރިކާގެ ސްކޫލްބޯއި ޑޮނަލްޑް ޓްރަމްޕް ބުނީ އެމީހުން ގޮވަމުންދަނީ ރަނގަޅު ބަދަލަކަށް ކަމަށާއި، އެގޮވުންތައް އިރާނުންގެ ވެރިން އަޑުއަހަންޖެހޭނެ ކަމަށެވެ.
މިރައިސް
01 January 2018
އަރަބި ޤައުމުތަކަށް މިއަންނަ ބަހާރު މޫސުމެއްދޯ. މީގަ އެންމެ މަޖާ ތަންކޮޅަކީ ތަކެތި އަގު ބޮޑު ވަނީވެސް އަރަބި ޤައުމުތަކުގަ އެކަނި. ޑިކްޓޭޓަރުންވެސް ތިބޭ ކަމަށްވަނީ ހަމައެކަނި އަރަބި ޤައުމުތަކުގަ. އަރަބި ޤައުމުތަކުގެ ރައްޔިތުން ހަމަ މޮޔައީކީ ނޫންބާ. ސީރިޔާ، ލުބުނާން، އިރާޤަށް ވީގޮތް ނުފެންނަނީ ކަންނޭގެ.
ހަސަން ޕ
01 January 2018
އިރާނަކީ އަރަބި ގައުމެއް ނޫން
ދާއޫދު.
01 January 2018
އިރާނަކީ އަޖަމީ ޤައުމެއް. ﷲ ގެ ހެއު ރަޙްމަތްފުޅުން ޔަހޫދީންނާއި ނަޞާރާއިންގެ ދަންމަޅީގާ ނުޖެހި މިއަދު އޮތް ހަމައެކަނި އިސްލާމީ ޤައުމު. ޢަރަބި ހުރިހާ ޤައުމެއްގަ ތިބީ ޔަހޫދީން ދެއްކި މަގުން ހިނގާ ވެރިންނާއި ޢިލްމުވެރިން.
އުދުހޭ
01 January 2018
ޔަހޫދީންގެ މަޅީގަ އެންމެ ފަހުން އީރާނުމީހުން އަމިއްލަޔަށް ޖުހުނީތާ؟! ހާދަ ދެރައޭ.
falaku ain
01 January 2018
އެހެންވީމާ ބުނެވޭނީ ދިވެހި ރައްޔިތުންނަށްވުރެ ޕީސްފުލް ބަޔަކު ނުތިބޭނޭ. އީރާނުގެ ވެރިންވެސް ރާއްޖޭގައި މިކުރާ ގޮތަށް ރައްޔިތުންގެ ބަޔަކަށް ބައިއަޅައިގެން ލޫޓުވާނަމަ ރައްޔިތުން މަގުތަކަށް ނުކުތުމުގެ ބަދަލުގައި އަތްޖަހާލަ ޖަހާލާ ތިބޭނެ.
ސަޅިބައިސާ
01 January 2018
ހުޅަނގުން ދަމާ ކޮންމެ ގުއިރޯނެއްގަ މުސްލިމުންޖެހޭ. މުސްލިމުން ހަލާކުވެދަނީ އަބަދުވެސް ވެރިކަމާ ދެކޮޅަށް ނިކުތުމާއި މަޒުހަބު ދިރުވަން އުޅެންހަދައިގެން.