ރޮހިންޖާ ރެފިއުޖީ ކުދިންތަކެއް ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި: ރެފިއުޖީން އަނބުރާ ގެންދިއުމުގެ މަސައްކަތް ޖެނުއަރީ 23 ގައި ފަށާނެ. --ފޮޓޯ:އޭއެފްޕީ
02 ޖެނުއަރީ 2018 - 15:26
ޑާކާ (ޖެނުއަރީ 2) - ބަންގްލަދޭޝް އާއި މިއަންމާއާ ދެމެދު ނޮވެމްބަރު މަހު އެއްބަސްވެފައިވާ ގޮތުގެ މަތިން ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމުގެ މަސައްކަތް މި މަހު ފަހުކޮޅު ފަށަން ނިންމައިފި އެވެ.
ބަންގްލަދޭޝް އިން އުއްމީދު ކުރަނީ ފުރަތަމަ ބެޗުގައި 100،000 ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމަށެވެ. ބަންގްލަދޭޝްގެ ސީނިއާ މިނިސްޓަރު އުބައިދު ގުއާދަރު ވިދާޅުވީ އަނބުރާ ގެންދަން ބޭނުންވާ އެއްލައްކަ ރެފިއުޖީންގެ ނަން ހިމެނޭ ލިސްޓް މިއަންމާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް އޮގަސްޓް މަހު އެ ގައުމުގެ ސިފައިން ހިންގަން ފެށި އަނިޔާވެރި އޮޕަރޭޝަނާ ގުޅިގެން މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ވަނީ 650،000 އަށް ވުރެ ގިނަ ރޮހިންޖާ ރެފިއުޖީން އެތެރެވެފަ އެވެ. މިއަންމާ ސިފައިންގެ އަމަލުތައް އދ. އާއި އެމެރިކާ އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.
ދެ ގައުމުގެ މެދުގައި ނޮވެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަން ފަށާނީ ޖެނުއަރީ 23 އިން ފެށިގެންނެވެ. އެކަމަކު ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ގިނަ ރެފިއުޖީން އަނބުރާ މިއަންމާ އަށް ދާން ބޭނުމެއް ނުވެ އެވެ. ސަބަބަކީ ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިއަންމާގައި މުސްލިމުންނާ ދެކޮޅަށް އަނެއްކާވެސް އަނިޔާވެރި އަމަލުތައް ހިންގަފާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy