ޕޯޓް ސިޓީ ނިމުމުން ދުނިޔޭގެ ހަބަކަށް ލަންކާ ބަދަލުވާނެ: ރަނިލް

ކޮލަމްބޯ (ޖެނުއަރީ 4) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން ހަދާ ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.


ޗައިނާގެ އެހީގައި ހިންގާ 1.4 ބިލިއަން ޑޮލަރުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހިއްކާފައިވާ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ކަނޑު ހިއްކައިގެން ހަދާ ސިޓީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންވާނެ ކަމަށެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށެވެ.

ރަނިލް ވިދާޅުވީ ޕޯޓް ސިޓީގައި ވަރަށް ގިނަ ފެސިލިޓީޒް ގާއިމްކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ލަންކާގެ އިިގްތިސާދަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށެވެ.

ޗައިނާގެ ބޮޑު ވަޒީރު ޝީ ޖިންޕިން 2014 ވަނަ އަހަރު ލަންކާ އަށް ކުރެއްވި ޒިޔާރަތުގައި ފައްޓަވައިދެއްވި މަޝްރޫއު ނިމޭއިރު ސޯލާ އަދި ވިންޑް ޕަވާ ސިސްޓަމްތައް ގާއިމްކޮށް، ރިސައިކްލިން ޕްލާންޓްތައް ގާއިމް ކުރާނެ އެވެ. ކޮލަމްބޯ އާއި ޕޯޓް ސިޓީ ގުޅާލާނީ ލައިޓް ރެއިލް ޓްރާންސްޕޯޓް ސިސްޓަމަކުންނެވެ. ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.

ޕޯޓް ސިޓީން ހިއްކާ ބިމުގެ 269 ހެކްޓަރުގެ ތެރޭން 60 ޕަސެންޓް މިހާރު ހިއްކާ ނިމިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޚިޔާލު ތަފާތުވުން ބޮޑުވި ޕޯޓް ސިޓީ ޕްރޮޖެކްޓް 2014 ވަނަ އަހަރު، މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ފެށި ނަމަވެސް ޖެހިގެން އައި އަހަރު ލަންކާގެ ވެރިކަމަށް އައި މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުއްޓުވައިފަ އެވެ. އެކަމަކު ސަރުކާރާ އެކު އާ އެއްބަސްވުމަކަށް އައިސް ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން އަލުން މަސައްކަތް ފެށީ އޮގަސޓް 2016 ގަ އެވެ. ޗައިނާ އަށް ބިން މިލްކު ކުރެވޭ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ވަނީ ހިއްކާ ބިން 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ސީސީސީސީ އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ. ހިއްކި ބިމުގައި އެއް ބިލިއަން ޑޮލަރުގެ ފުރަތަމަ އިންވެސްޓްމަންޓް މި އަހަރު މެދުތެރޭގައި ފަށާނެ އެވެ.