ޓްރަމްޕުގެ ނިންމުން ބަދަލު ކުރަން އަރަބި ލީގުން މަސައްކަތް ކުރަނީ

އައްމާން (ޖެނުއަރީ 8) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުން ބަދަލު ކުރެވޭތޯ އަރަބި ލީގުން މަސައްކަތް ފަށައިފި އެވެ.


އަރަބި ލީގުގެ ޚާރިޖީ ވަޒީރުން އައްމާނުގައި ބޭއްވި ބަދަލުވުމުގައި ވަނީ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ހިމެނޭ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފަ އެވެ.

ޓްރަމްޕުގެ ނިންމުމަށް ރައްދު ދޭން އަރަބި ލީގުން ވަނީ ކޮމިޓީއެއް އުފައްދައިފަ އެވެ. ޑިސެމްބަރު 9 ވަނަ ދުވަހު މިސްރުގައި ބޭއްވި ބައްދަލުވުމުގައި އުފެއްދި ކޮމިޓީގައި ހިމެނެނީ ޖޯޑަން، މިސްރު، މޮރޮކޯ، ސައުދީ އަރަބިއާ، ޔޫއޭއީ އަދި ފަލަސްތީނެވެ.

"ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ހިމެނޭ ފަލަސްތީނުގެ މިނިވަން ދައުލަތް ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމަށް އަރަބި ލީގުން މަސައްކަތް ކުރާނަން،" ޖޯޑަންގެ ޚާރިޖީ ވަޒީރު އައްޔުމަން ސަފާދީ ވިދާޅުވި އެވެ.

އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް ޑިސެމްބަރު 9 ވަނަ ދުވަހު ޓްރަމްޕް ނިންމެވުމާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އދ.ގެ ޖެނެރަލް އެސެމްބްލީން ވެސް ވަނީ އެކަން ކުށްވެރިކޮށް ޑިސެމްބަރު 21 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފަ އެވެ.

ގުދުސް އަކީ ވެރިރަށަށް ހަދަން އިޒްރޭލުން މަސައްކަތް ކުރަމުންދާ އިރު ފަލަސްތީނުން ވެސް ބުނެފައި ވަނީ ކުރިމަގުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.