ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ފިލިޕީންސްއާ އެއްކޮޅަށް ނިންމައިފި

ހޭގު (ޖުލައި 12) - އެކި ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ފިލިޕީންސް އިން ހުށަހެޅި ގޮތަށް ބައިނަލްއަގުވާމީ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ. ދެކުނު ޗައިނާ ކަނޑު ޗައިނާ އިން ވެރިކޮށްގެން އުޅޭތީ އެ ކަނޑުގެ މިލްކުވެރިކަމާ މެދު ކޯޓް އޮފް އާބިޓްރޭޝަނުން ގޮތެއް ނިންމައި ދިނުމަށް ފިލިޕީންސުން 2013 ވަނަ އަހަރު ހުށަހެޅި މައްސަލާގައި ވަނީ ޗައިނާ އިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެފަ އެވެ. އަދި ޗައިނާ އިން އެ ކަނޑުގެ ސަރަހައްދު ވެރިކޮށްގެން ނޫޅެވޭނެ ކަމަށް ނިންމައި ދިނުމަށް ވެސް ފިލިޕީންސް އިން ވަނީ ހުށަހަޅައިފަ އެވެ.


ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ބައިނަލްއަގުވާމީ ކޯޓުން ނިންމި ގޮތް ގަބޫލް ނުކުރާނެ ކަމަށް ޗައިނާ އިން ވަނީ ބުނެފައި.

ދެކުނު ޗައިނާ ކަނޑުގެ އިތުރުން އެ ސަރަހައްދުގެ ޖަޒީރާތަކާއި ފަރުތައް ވެސް ޗައިނާ އިން ވެރިކޮށްގެން އުޅޭ މައްސަލާގައި ކޯޓުގެ ނިންމުމުގައި ވަނީ އެ ކަނޑުގެ ސަރަހައްދާއި ރިސޯސް ޗައިނާގެ ކޮންޓްރޯލުގެ ދަށުގައި އެއްވެސް ޒަމާނެއްގައި އޮތްކަން އެނގެން ނެތް ކަމަށެވެ. އަދި ފިލިޕީންސްގެ ހައްގަކަށް ޗައިނާ އިން އަރައިގެންފައިވާ ކަމަށާއި އާޓިފިޝަލް ރަށްތަކެއް ހަދައިގެން ދެކުނު ޗައިނާ ކަނޑުގެ ފަރުތަކުގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ޗައިނާ އިން ދީފައިވާ ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.

ކޯޓުގެ ނިންމުމުން ނިންމާފައި ވަނީ ޗައިނާ އާއި ފިލިޕީންސް އިން ވެސް ސޮއިކޮށްފައިވާ އދ. ގެ ކޮންވެންޝަން އޮފް ދަ ލޯސް އޮފް ދަ ސީސް އަށް ރިޔާއަތް ކުރުމަށް ފަހު އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ހޭގުގެ ކޯޓުގެ ނިންމުން ގަބޫލް ނުކުރާނެ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ. އަދި ޗައިނާ އިން ވަނީ ކޯޓު މަރުހަލާގެ އަޑު އެހުންތައް ވެސް ބޮއިކޮޓް ކޮށްފަ އެވެ. ޗައިނާ އިން ބުނަމުން ދަނީ ދެކުނު ޗައިނާ ކަނޑާ މެދު ގޮތެއް ނިންމުމުގެ ބާރު އެ ޕެނަލަށް ލިބިގެން ނުވާ ކަމަށެވެ. އެހެންވެ ކޯޓުގެ ނިންމުމަކީ ބާތިލް އެއްޗަކަށް ވާނެ ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނެފައިވެ އެވެ.

ކޯޓް އޮފް އާބިޓްރޭޝަނުގެ ނިންމުމަކީ ގާނޫނީ ގޮތުން އަމަލު ކުރުން ލާޒިމް އެއްޗެއް ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންނެއް ނުވެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ގޮތެއް ނިންމުމަށް އެދި ކޯޓަށް ދިޔައީ ފިލިޕީންސް އިން.

މައްސަލާގައި ފިލިޕީންސްގެ ފަރާތުން ވަކާލާތު ކުރެއްވ ފިލިޕް ސޭންޑްސް ވިދާޅުވީ މިއީ ގާނޫނު ނެގެހެއްޓުމުގެ ރީތި މިސާލެއް ކަމަށާއި މި ނިންމުމަށް ހުރިހާ ގައުމަކުން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ކޯޓުގެ ނިންމުމަށް އެއް ދުވަހަށްވެފައި ވަނިކޮށް ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ޕަރަސެލް އައިލެންޑްސްއާ ކައިރީގައި ޗައިނާ އިން ވަނީ އަސްކަރީ ތަމްރީނުތަކެއް ނިންމާލައިފަ އެވެ. އެމެރިކާ އިން ވެސް މިހާރު ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއި ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ގެންގޮސްފަ އެވެ. ހޭގުގެ ކޯޓުގެ ނިންމުމުގެ ކުރިން ޗައިނާ އިން ވަނީ ބައިނަލްއަގުވާމީ ގޮތުން ތާއީދު ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ޓްރައިބިއުނަލްގެ ނިންމުމަށް ދެކޮޅު ހެދުމަށް ނިންމާފައި ނިންމުމަށް 60 ގައުމަކުން ތާއީދުކޮށްފައިވާ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.