ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރުމަށް އެދި މެނީލާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުގެ ބޭރުގައި ފިލިޕީންސްގެ ބަޔަކު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
13 ޖުލައި 2016 - 10:40
ބެއިޖިން (ޖުލައި 13) - ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ފިލިޕީންސް އިން ހުށަހެޅި މައްސަލާގައި އެ ކަނޑުގެ ސަރަހައްދު ޗައިނާ އިން މިލްކުކޮށްގެން ނުގެންގުޅެވޭނެ ކަމަށް ކޯޓުން ނިންމުމާ އެކު އެ ނިންމުން ނިންމި ފަނޑިޔާރުންނަށް ޗައިނާ އިން ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ދަ ހޭގުގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން (ޕީސީއޭ) ގެ ނިންމުމާ ގުޅިގެން ޗައިނާގެ ވައިސް ފޮރިން މިނިސްޓަރު ލިއު ޒެންމިން މިއަދު ވިދާޅުވީ އެ ހުކުމަކީ "ބޭކާރު ކަރުދާސްކޮޅެއް" ކަމަށާއި ނިންމުން ނިންމި ފަނޑިޔާރުން ވަނީ ރިޝްވަތު ނަގާފައި ކަމަށެވެ.
"ފިލިޕީންސް އިން ހުށަހެޅި މައްސަލާގައި އެއްވެސް ގާނޫނީ ބުރަދަނެއް ނެތް. ނިންމުން ނިންމި ފަސް ފަނޑިޔާރުން ވަނީ ފިލިޕީންސް އިން ރިޝްވަތު ނަގާފައި. ނޫނީ އެހެން ކޮންމެވެސް ބަޔަކު ވަނީ އެ މީހުންނަށް ފައިސާ ދީފައި،" ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީސީއޭގެ ފަސް ފަނޑިޔާރުންގެ ތެރޭން ހަތަރު މީހުން ނިސްބަތް ވަނީ ޔޫރަޕަށް ކަމަށާއި ދެން ހުރި ގާނާގެ ފަނޑިޔާރަކީ ވެެސް ޔޫރަޕުގައި ގިނަ ދުވަހު އުޅެފައިވާ މީހެއް ކަމަށެވެ.
"އެ މީހުންނަށް އޭޝިއާގެ ސަގާފަތް އެނގޭނެތަ،" ލިއު ސުވާލު ކުރެއްވި އެވެ.
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ބައިނަލްއަގުވާމީ ކޯޓުން ނިންމި ގޮތް ގަބޫލް ނުކުރާނެ ކަމަށް ޗައިނާ އިން ވަނީ ބުނެފައި. --ފޮޓޯ:ބީބީސީ
ޕީސީއޭގެ އަޑު އެހުންތައް ޗައިނާ އިން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. ޗައިނާ އިން ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ބެލުމުގެ ގާނޫނީ ހައިސިއްޔަތެއް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
ޗައިނާ ސަރުކާރުން ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތައް ހޯދާ އެ ރަށްތައް ތަރައްގީ ކުރީ ވެސް ޗައިނާ އިން ކަމަށެވެ. އެކަމަކު ކޯޓުގެ ނިންމުމުގައި ވަނީ އެ ކަނޑުގެ ސަރަހައްދާއި ރިސޯސް ޗައިނާގެ ކޮންޓްރޯލުގެ ދަށުގައި އެއްވެސް ޒަމާނެއްގައި އޮތްކަން އެނގެން ނެތް ކަމަށެވެ. އަދި ފިލިޕީންސްގެ ހައްގަކަށް ޗައިނާ އިން އަރައިގެންފައިވާ ކަމަށާއި އާޓިފިޝަލް ރަށްތަކެއް ހަދައިގެން ދެކުނު ޗައިނާ ކަނޑުގެ ފަރުތަކުގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ޗައިނާ އިން ދީފައިވާ ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ. ކޯޓުގެ ނިންމުމުން ނިންމާފައި ވަނީ ޗައިނާ އާއި ފިލިޕީންސް އިން ވެސް ސޮއިކޮށްފައިވާ އދ. ގެ ކޮންވެންޝަން އޮފް ދަ ލޯސް އޮފް ދަ ސީސް އަށް ރިޔާއަތް ކުރުމަށް ފަހު އެވެ.
ކޯޓް އޮފް އާބިޓްރޭޝަނުގެ ނިންމުމަކީ ގާނޫނީ ގޮތުން އަމަލު ކުރުން ލާޒިމް އެއްޗެއް ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންނެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލި
14 July 2016
ޓިބެޓަށް ވީގޮތް ރާއްޖެއަށް ނުވެއްޖެޔާ ރަނގަޅު
ސީނު
13 July 2016
ދިވެހިން ހީކުރަނީ ޗައިނާ މީހުން މީ މާ ރަނގަޅު ބައެއް ކަމަށް. ޗައިނާގެ އަވަޢްޓެރި ގައުމުތަކާ ޗައިނާގައި އުޅޭ މުސްލިމުންނާމެދު ކަން ކުރާ ގޮތާ ޗައިނާގެ އިންވެސްޓަރުން އެފްރިކާގެ ގައުމުތަކާ މެދު ކަން ކުރާ ގޮތް ބަލާލައިފި ނަމަ އިނގޭނެ އެމީހުންނެކޭ އެހެން އިސްތިއުމާރީ ބާރުގަދަ ގައުމެކޭ ތަފާތެއް ނެތްކަން. އެމީހުންވެސް ވަންނަނީ ވަރަށް ލޯބިން. ވަދެ އަތްގަދަ ކުރުމަށް ފަހު ދެން ޔޫއެން އަކަށް އެހެންތަނަކަށް ދިޔަސް ގަދަކަމުން ނެރެވޭނެ ގޮތެއް ނޯވޭ. މީ ދިވެހިން ވަރަށް ވިސްނަންޖެހޭ ކަމެއް.
ޝުގާ
14 July 2016
ދިވެހީންނަށް ވުރެ މަށަށް ހީވަނީ ރަނގަޅުހެން.
ޗައިނާ
13 July 2016
ޗައިނާ އަކާނުކުޅެވޭނެ. ތީ އެމެރިކާ މީހުން އެމީހުންގެ އަތްގަދަކުރަން ނިންމި ނިއްމުމެއް.
ޔަހުޔާ
13 July 2016
ތިބޮޅށް ރާއްޖެވެސް މާލަސްތަކެއްނުވެ އިތުރުވާނެ. މަބުނީތީވެސް ބަލަންތިބޭ!