ކޮރަޕްޝަނުގެ މައްސަލަ ބަލަން ރަނިލް ވެސް ތާއީދުކުރައްވާނެ: ސިރިސޭނާ

ކެންޑީ (ޖެނުއަރީ 24) - ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގައި ހިންގާފައިވާ ފަދަ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބަލަން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ތާއީދު ކުރައްވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.


ކެންޑީގައި ބޭއްވި ކެމްޕޭނު ބައްދަލުވެއްގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ވެސް ކުރަންޖެހޭ ކަމަކީ އެމަނިކުފާން ބަލިކަށި ކޮށްލުމުގެ ބަދަލުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ހިތްވަރު ދިނުން ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ 2014 ވަނަ އަހަރު ސަރުކާރުން ވަކިވުމުން އެސްއެލްއެފްޕީގެ މެންބަރުން އެމަނިކުފާން ބަދުނާމް ކުރި ކަމަށާއި މިހާރު މިފެންނަނީ ޔޫއެންޕީގެ މެމްބަރުން އެމަނިކުފާން ބަދުނާމް ކުރާ ތަން ކަމަށެވެ. އެކަމަކު އެއްވެސް މީހަކަށް ބޭވަފާތެރިވެފައި ނުވާނެ ކަމަށާއި މަސައްކަތް ކުރައްވަނީ ކޮރަޕްޝަނާއި ވައްކަމާއި ޚުދުމުޚްތާރުކަމާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް އިޝާރާތް ކުރައްވާ ސިރިސޭނާ ވިދާޅުވީ ދައުރުގައި ބާކީ ދެ އަހަރު އޮއްވާ ރާޖަޕަކްސާ އިންތިޚާބު އިއުލާން ކުރެއްވީ އިގްތިސާދު މެނޭޖް ނުކުރެވިގެން ކަމަށެވެ.

"ސެންޓްރަލް ބޭންކުގެ ކޮރަޕްޝަނުގެ ވާހަކަ ކުރީގެ ރައީސް ސްޓޭޖްތަކުގައި ދައްކަވާ އިރު ރަވީ ކަރުނަނަޔަކައިގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕާލަމެންޓަށް ވަޑައިގެން އޭނާއާ ދެކޮޅަށް ވޯޓު ދެއްވައިފައެއް ނުވޭ. އޭގެ ބަދަލުގައި ރަވީ އަށް ގުޅުއްވާ ހިތްވަރު ދެއްވާފައި ވަނީ،" ސިރިސޭނާ ވިދާޅުވި އެވެ. "ސެންޓްރަލް ބޭންކުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާ އިރު 2008 ވަނަ އަހަރުން ފެށިގެން ކޮރަޕްޝަން ހިންގާފައިވާކަން ފަނޑިޔާރުން ވަނީ ފާހަގަކޮށްފައި."

ސިރިސޭނާ ވިދާޅުވީ ޗައިނާ އަށް ގައުމު ވިއްކާލައިފި ކަމަށް ސްޓޭޖްތަކުގައި މިހާރު ގޮވާ މީހުންގެ ވެރިކަމުގައި ވަނީ ޕޯޓް ސިޓީ އެއްބަސްވުމުގައި 240 އޭކަރުގެ ބިން ޗައިނާ އަށް ދީފައި ކަމަށެވެ.

ރައީސް ސިރިސޭނާ ދާދި ފަހުން ވަނީ ލަންކާގެ އިގްތިސާދީ ހުރިހާ ކަމެއް ރަނިލްގެ ބާރުގެ ދަށުން ނަގާ އެމަނިކުފާން ހަވާލުވެވަޑައިގެންފަ އެވެ.