ކެންޔާގައި ބަންދުކުރި ސިޓިޒަން ޓީވީގެ ސިގްނަލް ކެނޑިފައި. --ފޮޓޯ:އޭއެފްޕީ
09 ފެބުރުއަރީ 2018 - 20:07
ނައިރޯބީ (ފެބްރުއަރީ 9) - ކެންޔާގެ އިދިކޮޅު ލީޑަރު ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބްރޯޑްކާސްޓްކޮށްގެން ސަސްޕެންޑްކުރި ޓީވީތައް އަލުން ބްރޯޑްކާސްޓް ކުރަން ފަށައިފި އެވެ.
އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ހުވާ ކުރުމުގެ ރަސްމިއްޔާތު ބްރޯޑްކާސްޓް ނުކުރަން ސަރުކާރުން އަންގާފައި ވަނިކޮށް ސިޓިޒަން ޓީވީ އާއި އެންޓީވީ އަދި ކޭޓީއެން ނިއުސް އިން ވަނީ އެ ރަސްމިއްޔާތު ދައްކައިފަ އެވެ. ސިޓިޒަން ޓީވީން ވަނީ އިއްޔެ އަލުން ބްރޯޑްކާސްޓް ކުރަން ފަށައިފަ އެވެ. އޭގެ ތިން ދުވަސްކުރިން ވަނީ އެންޓީވީ އާއި ކޭޓީއެން ނިއުސް އިން ބްރޯޑްކާސްޓް ކުރަން ފަށައިފަ އެވެ.
ޕްރައިވެޓް ޓީވީތައް ބްރޯޑްކާސްޓް ކުރަން ފަށާފައި މި ވަނީ ކޯޓް އަމުރުތަކަށް ކެންޔާ ސަރުކާރުން ތަބާނުވާ ކަމަށް ބުނެ އެ ގައުމުގެ އުއްތަމަ ފަނޑިޔާރު ޑޭވިޑް މަރާގާ ސަރުކާރަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.
ކެންޔާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ކޮއިކޮޓް ކުރި އިދިކޮޅު ލީޑަރު އޮޑިންގާ، 73، "ރައްޔިތުންގެ ރައީސްގެ" ގޮތުގައި ހުވާ ކުރެއްވީ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.
އޮގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލް ކުރީ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެވެ. ރައީސް އުހުރު ކެންޔާއްޓާ ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވީ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގަ އެވެ. އެ ފަހަރު އޭނާ ވަނީ ވޯޓުގެ 98 ޕަސެންޓް ހޯއްދަވައިފަ އެވެ. ނަމަވެސް ވޯޓުލީ 39 ޕަސެންޓް މީހުންނެވެ. އެ ބުރުގައި އޮޑިންގާ ވާދައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވޯޓު އޮޅުވާލާނެކަން ޔަގީންވާ ކަމަށެވެ. ދެ ވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ ކެންޔާއްޓާ ކުރެއްވީ ނޮވެމްބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy