ަފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. --ފޮޓޯ:އޭއެފްޕީ
20 ފެބުރުއަރީ 2018 - 11:32
ގުދުސް (ފެބްރުއަރީ 20) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ދެކޮޅަށް ގައުމުތަކުން ތެދުވުމަށް ބާރު އެޅުވުމުގެ ގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ. ގެ ސަލާމަތީ މަޖިލީހަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޑިސެމްބަރު މަހު އިއުލާން ކުރުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ނުރުހުން ފާޅުކުރި އެވެ. އަދި މެދުއިރުމަތީގެ ސުލްހައިގައި އެމެރިކާ އަށް ދައުރެއް އަދާ ނުކުރެވޭނެ ކަމަށް ދަނީ ބުނަމުންނެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން ސަލާމަތީ މަޖިލީހުގައި އައްބާސް ތަގްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. މިނިވަން ދެ ދައުލަތް އުފައްދައިގެން ފަލަސްތީން- އިޒްރޭލް މައްސަލަ އަށް ހައްލެއް ހޯދުމަށް އައްބާސްގެ ތަގްރީރުގައި ބާރު އަޅުއްވާނެ ކަމަށް ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގައި ސުލްހަ ގާއިމް ކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުލަން ޖެހޭ ތަނަކީ ސަލާމަތީ މަޖިލިސް ކަމަށްވާ އިރު ގުޅިގެން ރަނގަޅު އިސް ނެގުމެއް ނަގާނެ ކަމަށެވެ. އަދި މެދުއިރުމަތީގެ ސުލްހައިގެ އިސް ރޯލެއް އަދާ ކުރުމުގެ މަސައްކަތް އެމެރިކާ އަށް އެކަނި ދޫކޮށްލުމުގެ ބަދަލުގައި ގިނަ ގައުމުތައް ބައިވެރިވާ މަސައްކަތަކަށް ހަދަން ޖެހޭނެ ކަމަށް ވެސް މަންސޫރު ވިދާޅުވި އެވެ.
އެކަމަކު އެމެރިކާ ނޫން ބަޔަކު ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް އިޒްރޭލުން އެއްބަހެއް ނުވާނެ އެވެ. ސަލާމަތީ މަޖިލީހުގައި އިޒްރޭލުގެ ސަފީރު ޑެނީ ޑެނޮން ވެސް ވާހަކަ ދައްކާނެ އެވެ.
ރައީސް އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވިދާޅުވީ އެމެރިކާގެ ނިންމުމާ ދެކޮޅަށް ފަލަސްތީނުން އާ ހިތްވަރަކާ އެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމެރިކާގެ ނިންމުމާ ދެކޮޅަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި 128 ގައުމުން ވަނީ ޑިސެމްބަރު މަހު ވޯޓު ދީފަ އެވެ. އެމެރިކާއާ އެއްކޮޅަށް ނުވަ ގައުމުން ވޯޓު ދިން އިރު ވަކިކޮޅަކަށް ވޯޓު ނުދެނީ 35 ގައުމުންނެވެ. ޖެނެރަލް އެސެމްބްލީގެ 193 ގައުމުން ވޯޓު ނަގާފައި ވަނީ ސަލާމަތީ މަޖިލީހުގައި ވެސް އެފަދަ ވޯޓެއް ނަގާފައި ވަނިކޮށެވެ. ސަލާމަތީ މަޖިލީހުގެ 15 ގައުމުގެ ތެރޭން އެމެރިކާގެ ނިންމުމާ 14 ގައުމުން ދެކޮޅު ހަދައިފައިވެ އެވެ. ސަލާމަތީ މަޖިލީހުގެ ގަރާރު ވީޓޯ ކުރީ އެމެރިކާ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިއްޖެ
20 February 2018
ފަލަސްތީނު ވަށައިގެންތިބި އަރަބިން ފަލަސްތީނު ވިއްކާލައިފި. މިސްރުވެސް ޖޯޑަންވެސް ސައުދީ އަރަބިއްޔާ އަދި ޔޫއޭއީވެސް އޮތީ އެމެރިކާ އަދި އިޒްރާއީލުން ޖަހާ ބެރަކަށް ނަށަން ތައްޔާރަށް. ގުދުސްއާ ބެހޭ ނިންމުން ޓްރަމްޕް ނިންމީވެސް ސައުދީ އަރަބިއްޔާ ދަތުރުގަ މި އެންމެންނާ ބައްދަލުކޮށްފަ. ގަތަރު އަދި އީރާން ނޫނީ ދެކޮޅަށް ބަހެއް ބުނާނެ ބަޔަކުވެސް ނެތް. މިއީ ގަތަރާ ދެކޮޅަށް ފިޔަވަޅުއަޅައިގެންވެސް އުޅޭ މައިގަނޑު އެއްސަބަބުހެން މަށަށް ހީވޭ މިހާރު.
ސައިނީ
21 February 2018
އިންޑިޔާ ވަށައިގެން ޗައިނާ ގޮތައް
ހައްޖަ
20 February 2018
ތީގެން އެނގިދަނީ އެމެރިކާ ބޭނުންވާ ކޮންމެ ކަމެއް އެމީހުން ބޭނުންވާ ގޮތަށް ނިމޭނެކަން. ސަލާމަތީ މަޖްލީހުގެ 15 ގައުމުން 14 ގައުމު ނޫނެކޭ ބުނުމުންވެސް އެކަން އެގޮތަކަށް ނުނިމުނު. ދެން ކީކޭތޯ ބުނާނީ.