ޑުޓާޓެގެ ޑްރަގު ހަނގުރާމައިގައި 20000 މީހުން މަރައިފި

މެނީލާ (ފެބްރުއަރީ 22) - ފިލިޕީންސްގެ ވެރިކަމަށް 2016 ވަނަ އަހަރު ރޮޑްރިގޯ ޑުޓާޓެ ވަޑައިގަތުމަށް ފަހު ފެއްޓެވި ޑްރަގާ ދެކޮޅު ހަނގުރާމައިގައި މިހާތަނަށް 20،000 މީހުން މަރާފައިވާ ކަމަށް އެ ގައުމުގެ އިދިކޮޅު ސެނެޓަރަކު ވިދާޅުވެއްޖެ އެވެ.


ސެނެޓުގައި ވާހަކަ ދައްކަވަމުން އެންޓޯނިއޯ ޓްރިލޭންސް ވިދާޅުވީ ޑްރަގާ ދެކޮޅު ހަނގުރާމައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ދެކޮޅު ހެދި މީހުންގެ ތެރޭން ޖުލައި 1، 2016 އާއި ނޮވެމްބަރު 27، 2017 އާ ދެމެދު މެރިކަމަށް ޑުޓާޓެގެ ސަރުކާރުގެ ރެކޯޑްތަކުން ދައްކަނީ 3،967 މީހުން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ޑްރަގާ ދެކޮޅު ހަނގުރާމައިގައި އިތުރު 16،355 މީހުން ޖުލައި 1، 2016 އާއި ސެޕްޓެމްބަރު 30، 2017 އާ ދެމެދު މެރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މުއްދަތުގައި، ޑްރަގާ ގުޅުންހުރި މައްސަލަތަކުގައި 118،287 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރިލޭންސް އަށް ރައްދު ދެއްވަމުން ޑުޓާޓެ އަށް ތާއީދުކުރާ ސެނެޓަރެއް ކަމަށްވާ މެނީ ޕަކުއިއާއޯ ވިދާޅުވީ ޑްރަގާ ދެކޮޅު މަރުތައް ސަރުކާރުން ތަހުގީގު ކުރަމުން ދަނިކޮށް އަދަދުތަކެއް ހާމަކޮށް ވަކި ގޮތަކަށް ނިންމުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ސިފައިންގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޓްރިލޭންސް އަކީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުން ފެށިގެން ޑުޓާޓެ އަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.