އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
22 ފެބުރުއަރީ 2018 - 17:54
ގުދުސް (ފެބްރުއަރީ 22) - ސިޑްނީން ފުރައިގެން އަބޫ ދާބީ އަށް ދަތުރުކުރި އިއްތިހާދު އެއާވޭސްގެ މަތިންދާ ބޯޓެއް ގޮއްވާލަން އުޅުނު ހާދިސާއެއް ނާކާމިޔާބުކޮށްލި ކަމަށް އިޒްރޭލުން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާ ފުލުހުން ވަނީ އިއްތިހާދު އެއާވޭސްގެ ބޯޓެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދެބެންނަށް ދައުވާކޮށްފަ އެވެ.
ގުދުސްގައި ވާހަކަ ދައްކަވަމުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ޚިޔާލަށް ވެސް ނުގެނެވޭހާވަރުގެ ބޮޑު ގެއްލުމަކުން" ސަލާމަތްކޮށް ދިނުމުގައި އިޒްރޭލުގެ ޖާސޫސީ އެޖެންސީގެ ހުށިޔާރު ކަމަށް ތައުރީފް ކުރައްވައިފަ އެވެ. ކަމާ ބެހޭ އޮފިޝަލުން ބުނެފައި ވަނީ އިއްތިހާދުގެ ބޯޓު ގޮއްވާލަން އުޅުމާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުމެއްވާ ކަމަށެވެ.
އެ ދުވަސްވަރު އޮސްޓްރޭލިއާ ފުލުހުން ބުނެފައި ވަނީ ގްރައިންޑަރެއްގެ ފުލުގައި ހަރުކޮށްގެން ބޯޓަށް އަރުވަން އުޅުނު ބޮމެއް ހޯދާފައިވާ ކަމަށެވެ. އަދި އެ ޕްލޭން ފޭލްވުމުން އެ ބޮން ގެންދަން އުޅުނު ދެ މީހުން އެހެން ކަމެއް ރޭވި ކަމަށް އޮސްޓްރޭލިއާ ފުލުހުން ބުންޏެވެ. ލުބުނާން ދަރިކޮޅު އޮސްޓްރޭލިއާގެ ދެބެން ކަމަށްވާ ޚާލިދު ޚަޔާތު، 49، އާއި އޭނާގެ ކޮއްކޮ މަހްމޫދު ޚަޔާތު، 32، އޮސްޓްރޭލިއާ ފުލުހުން ވަނީ ފަހުން ހައްޔަރުކޮށްފަ އެވެ. އަދި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނުކަމުގެ ދައުވާ އެ މީހުންގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ޔަހޫދީ-އެމެރިކާ ލީޑަރުންނާ ގުދުސްގައި ބައްދަލު ކުރައްވާ ނަތަންޔާހޫ ވިދާޅުވީ ބޯޓު ވައްޓާލަން އުޅުނު ހާދިސާ ނާކާމިޔާބުކޮށްލީ އިޒްރޭލުގެ އިންޓަލިޖެންސް އެޖެންސީން ދިން މައުލޫމާތުން ކަމަށެވެ.
އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޕީޓާ ޑަޓަން ވެސް ވަނީ ހަމަލާ ނާކާމިޔާބުކޮށްލުމުގައި އިޒްރޭލުގެ ސީދާ ބައިވެރިވުންވާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައް
25 February 2018
ރަސޫލާ ސ އ ވ ގެ ހަދީސްފުޅުގައިވަނީ ތިޔަބައިހުންނައް ދުވަހަކުވެސް ޔަހޫދީން ހެވެއްނޭދޭނެއެވެ. ކިހިނެތް މިބަސްފުޅު ދޮގުވާންވީ؟؟؟