ޕާކިސްތާނުގެ މަޝްހޫރު މޮޑެލް ގަންދީލް ބަލޮޗު

ޕާކިސްތާނުގެ މަޝްހޫރު މޮޑެލް އަށް ބޭބެ ހަމަލާދީ މަރާލައިފި

އިސްލާމްއާބާދު (ޖުލައި 16) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު އަންހެން ކުއްޖެއް ކަމަށްވާ ގަންދީލް ބަލޮޗުގެ ބޭބެ ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ބުނީ ބަލޮޗް މަރާލާފައި ވަނީ އޭނާގެ ކަރުގައި ހިފައިގެން ކަމަށެވެ. އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.

ޕާކިސްތާނުގެ މަޝްހޫރު މޮޑެލް ސޯޝަލް މީޑިއާ އަށް ލާ ފޮޓޯތަކާ މެދު ބައެއް މީހުން ހިތްހަމަ ނުޖެހޭ. --ފޮޓޯ:ބީބީސީ

ބަލޮޗުގެ މައިންބަފައިން ދި އެކްސްޕްރެސް ޓްރައިބިއުން އަށް ބުނީ ބަލޮޗުގެ ކަރުގައި ހިފާ މަރާލީ ބޭބެއާ އެކު ހުކުރު ދުވަހުގެ ރޭ ކުރި ޒުވާބެއްގެ ތެރޭން ކަމަށެވެ. އަދި އޭނާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށް ބުންޏެވެ. ބަލޮޗުގެ މަންމަ އާއި ބައްޕަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ

"ބަލޮޗް މޮޑެލް ކުރުން ހުއްޓާލުމަށް އޭނާގެ ބޭބެ ވަނީ އެތަައް ފަހަރަކު އެދިފައި. އަދި އޭނާ ސޯޝަލް މީޑިއާ އަށް ލާ ފޮޓޯތަކާ މެދު ބޭބެ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި،" އާއިލާއާ ގާތް ފަރާތްތަކުން ޓްރައިބިއުން އަށް ބުންޏެވެ.

ޕާކިސްތާނުގެ މޮޑެލް ގަންދީލް ބަލޮޗް ޕޫލަކުން އަރަނީ. --ފޮޓޯ:އޭއެފްޕީ

ފުލުހުން ބުނީ ބަލޮޗުގެ ބޭބެ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ބަލޮޗް މަރާލުމަށް ފަހު ބޭބެ ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކަރާޗީގައި އުޅުމަށް ފަހު ޕަންޖާބަށް ބަލޮޗް ބަދަލުވީ ވެސް އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާ ބޮޑުވުމުން ކަމަށެވެ. ޑޯން ނޫހުން ބުނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްދޭން ބަލޮޗް އެދިފައިވީ ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.

އުމުރުން 26 އަހަރުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ، ބަލޮޗް ދާދި ފަހުން ވަނީ މުފްތީއަކާ އެކު ސެލްފީއެއް ނެގުމުން ވެސް މައްސަލަ ބޮޑުވެފަ އެވެ. ޕާކިސްތާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ މުފްތީ އަބްދުލް ގާވީ ކުރި ކަންތަން ރަނގަޅު ނޫން ކަމަށް ބުނެ އެ ގައުމުގެ ހަނދު ބަލާ ކޮމިޓީން އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ޕާކިސްތާނުގެ ދީނީ އިލްމުވެރިޔާ އެ ގައުމުގެ މަޝްހޫރު މޮޑެލް ބަލޮޗްއާ އެކު ނެގި ސެލްފީ.

ބަލޮޗް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ.

ބަލޮޗް މަރާލުމުން ޕާކިސްތާނުގެ އެއް ބަޔަކު ވަނީ އޭނާގެ ބޭބެ އަށް ތައުރީފްކޮށްފަ އެވެ. އަނެއް ބަޔަކު ދަނީ އޭނާ މަރާލުމާ ދެކޮޅު ހަދަމުންނެވެ.