ީކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް (ކ) އާއި އޭނާގެ ކޮއްކޮ ޝަހުބާޒް.
27 ފެބުރުއަރީ 2018 - 17:47
އިސްލާމްއާބާދު (ފެބްރުއަރީ 27) - ޕާކިސްތާނުގައި ވެރިކަންކުރާ މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ލީޑަރުގެ މަގާމުގައި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ނުހުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ޕާޓީގެ ލީޑަރަކަށް އެމަނިކުފާނުގެ ކޮއްކޮ ޝަހުބާޒް ޝަރީފް ހަމަޖައްސައިފި އެވެ.
މީގެ އިތުރުން ޕާޓީން ވަނީ އުމުރުން 68 އަހަރުގެ ނަވާޒް ޝަރީފަކީ "އުމުރަށް ޕާޓީގެ ލީޑަރުގެ" ގޮތުގައި ހަމަޖައްސައިފަ އެވެ.
ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަހުބާޒް ޕާޓީގެ ލީޑަރުކަމަށް ހަމަޖެއްސުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް އޭނާ ގެނައުމުގެ ފުރުސަތު ބޮޑެވެ. ނަވާޒް ޝަރީފަށް ބޮޑު ވަޒީރުކަން ގެއްލުމާ ގުޅިގެން އެ މަގާމަށް ހަމަޖައްސާފައި ވަނީ އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ ޝާހިދު ހައްގާން އައްބާސީ އެވެ.
ނަވާޒް ޝަރީފަށް ބޮޑު ވަޒީރުކަން ގެއްލިފައި ވަނީ ވެސް މަގާމުގައި ހުންނެވުމުގެ ޝަރުތުތައް އެމަނިކުފާނުގެ ކިބައިގައި ނެތް ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ޕާކިސްތާނުގެ އެންމެ މަތީ ކޯޓުގެ ހުކުމް އައިސްފައި ވަނީ ޕެނަމާ ޕޭޕާސް އިން ލީކު ކުރި މައުލޫމާތުތަކުގައި ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ނަވާޒް ޝަރީފުގެ މައްޗަށް ވަނީ ޖިނާއީ ތަހުގީގެއް ހިންގަން ވެސް އަމުރު ކޮށްފަ އެވެ. މިހާރު ކުރިއަށްދާ ޝަރީއަތުގައި ނަވާޒް ޝަރީފުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑެވެ.
ނަވާޒް ޝަރީފު ބޮޑު ވަޒީރުކަމުން ދުރުކުރި ފަހުން ވެރިކަން ކުރާ ޕާޓީ އާއި ޕާކިސްތާނުގެ ޝަރުއީ ދާއިރާއާ ދެމެދު ވަނީ މައްސަލަ އުފެދިފަ އެވެ. ޕީއެމްއެލް-އެންގެ އޮފިޝަލުން ބުނެފައި ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވަނީ ނަވާޒް ޝަރީފްއާ ދެކޮޅު ރޭވުމެއްގެ ދަށުން ކަމަށެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފަށް އެންމެ ފުރަތަމަ މަގާމު ގެއްލުނީ 1993 ވަނަ އަހަރު ނެރުނު ރިޔާސީ އަމުރަކުންނެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ބޮޑު ވަޒީރުކަން ގެއްލުނީ އަސްކަރީ ބަޣާވާތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy