އެމްބަސީ ބަދަލު ކުރުމާ ބެހޭ ފަހުގެ މަޝްވަރާތައް ޓްރަމްޕާއި ނަތަންޔާހޫ ކުރައްވަނީ

ވޮޝިންޓަން (މާޗް 4) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ބެހޭ ފަހުގެ މަޝްވަރާތަކަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި އެވެ.


ތެލް އަވީވުގައި މިހާރު ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހު އެވެ. އެމެރިކާ އަަށް ފުރާވަޑައިގަތުމުގެ ކުރިން ނަތަންޔާހޫ ވިދާޅުވީ އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ އެ ގައުމުގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން އެމެރިކާ އިން ނިންމި ތާރީޚީ ނިންމުމަށް ޓްރަމްޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

މެއި މަހު 14 ވަނަ ދުވަހު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނު މީހުން އެ ދުވަސް ބަލައިގެންފައި ވަނީ "މުސީބާތުގެ" ދުވަހުގެ ގޮތުގަ އެވެ.

އެމެރިކާ އެމްބަސީ އެންމެ ފުރަތަމަ ހުޅުވާނީ ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލާ އިމާރާތުގަ އެވެ. އެމެރިކާ އިން މިހާރު ދަނީ އެމްބަސީ ދާއިމީކޮށް ބަދަލުކުރާނެ ބިމެއް ގުދުސް އިން ހޯދަމުންނެވެ.