ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ބުޑިސްޓުން ފުލުހުންނާ ކުރިމަތިލަނީ

ކޮލަމްބޯ (މާޗް 7) - ސްރީ ލަންކާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ފުލުހުންނާ ކުރިމަތިލާ އިތުރު ހަމަނުޖެހުން ހިންގައިފަ އެވެ.


ކެންޑީގައި ފުލުހުންނާ ކުރިމަތިލީ ބުޑިސްޓުން ހުއްޓުވަން ރޭ ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އަދި ތިން ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ޑުނަސޭކަރަ ވިދާޅުވީ ކާފިއުއާ ޚިލާފުވި ހަތް މީހަކު ކެންޑީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވެރިރަށް ކޮލަމްބޯގެ އިރުން 115 ކިލޯ މީޓަރު (72 މޭލު) ދުރުގައި އޮންނަ ކެންޑީގެ ސްކޫލްތައް މިއަދު ވެސް ވަނީ ބަންދުކޮށްފަ އެވެ. ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިން ކެންޑީ އަށް ފޮނުވަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ލަންކާގެ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 150 އަށް ވުރެ ގެއާއި ފިހާރަ އަދި ވެހިކަލްތަކަށް ގެއްލުން ދީފަ އެވެ. ދެ މީހުން ވަނީ މަރުވެފަ އެވެ.