ހުކުރު ވަގުތު ހަމަލާއެއް ދީފާނެތީ ލަންކާގެ މުސްލިމުން ބިރުވެރިކަމެއްގައި

ކޮލަމްބޯ (މާޗް 9) - ސަލާމަތީ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅަމުން ނުދާކަމުގެ ތުހުމަތާ އެކު ހުކުރު ވަގުތު ބުޑިސްޓުން ހަމަލާއެއް ދީފާނެކަމުގެ ބިރުބޮޑު ކަމަށް ލަންކާގެ މުސްލިމުން ބުނެފި އެވެ.


ކެންޑީގައި ކާފިއު ހިންގާ އަދި މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް ބުޑިސްޓުންގެ ހަމަލާތަކަށް ހުއްޓުމެއް ނާދެ އެވެ.

"އަހަރެމެން އުޅެންޖެހެނީ ބޮޑު ބިރުވެރިކަމެއްގައި. ރޭގަނޑު ނުވެސް ނިދަން،" ކެންޑީގައި ދިރިއުޅޭ ފާތިމަތު ރިޒްކާ، 25، ބުންޏެވެ. "ފުލުހުން މުސްލިމުންނަށް ހިމާޔަތެއް ނުދޭ. ހަމަލާ ދޭ އިރު އެ މީހުން ހަމަ ތިބެނީ. ދެން ވާނީ ކިހިނެއް ކަމެއް ނޭނގޭ.

ކެންޑީގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ފިޔަވައި އެހެން ބަޔަކު އިއްޔެ ނެތެވެ.

ރިޒްކާ ބުނީ ހުކުރު ވަގުތު ބުޑިސްޓުން ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެހެންވެ މުސްލިމް ކޮމިއުނިޓީން ވަނީ ގޮތްތަކެއް ރާވާފައި. އަންހެނުންނާއި ކުޑަ ކުދިން އެކަނި ގެތަކަށް ދޫކޮށްލާފައި ނުބޭތިއްބުމަށް ވަނީ އިންތިޒާމްތަކެއް ހަމަޖައްސާފައި،" އޭނާ ބުންޏެވެ.

ކެންޑީގެ އެހެން ރައްޔިތެއް ކަމަށްވާ މުހައްމަދު، 58، ބުނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރައްކާތެރިކަމުގެ އިހްސާސް މުސްލިމުންނަށް ނުކުރެވޭ ކަމަށެވެ.

"އަހަރެމެންގެ އަމިއްލަ ގެދޮރާއި މުދާ އަދި މިސްކިތްތައް އަނދައިގެންދާތަން ބަލާކަށް ނުތިބެވޭނެ،" ދެ ކުދިންގެ ބައްޕައެއް ކަމަށްވާ މުހައްމަދު ބުންޏެވެ.

ލަންކާގައި ހިންގާ ހަމަނުޖެހުންތަކަށް ހިތްވަރު ދިނުން ހުއްޓުވުމުގެ ގޮތުން މިހާރު ވަނީ ސޯޝަލް މީޑިއާ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އަދި ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ މުސްލިމުންނާ ހަމަލާދޭ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.