އިންޑިއާގައި ހިންދޫންގެ ގްރޫޕްތަކުން ދަނީ ގެރި މަސް ވިއްކާތޯ ފާރަލަމުން. -- ފޮޓޯ:ގެޓީ އިމޭޖަސް
22 މާޗް 2018 - 14:40
ޖަރުކާންދު (މާޗް 22) - ގެރިމަހުގެ ވިޔަފާރި ކުރާ ކަމަށް ބުނެ މުސްލިމަކު މިދިޔަ އަހަރު މަރާލި 11 މީހަކު އުމުރަށް ޖަލަށްލުމަށް އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޖަރުކާންދުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އަލީމުއްދީން އަންސާރީ، 55، މަރާލާފައި ވަނީ އޭނާ ގެރިކަތިލުމަށް ފަހު މަސް ވިއްކާ ކަމަށް ބުނެ އެވެ. މިއީ ގެރިމަހުގެ ވިޔަފާރި ކުރާ މީހަކަށް ހަމަލާ ދިން ބަޔަކަށް އިންޑިއާގައި ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ވަނީ ގެރިމަސް ގެންގުޅޭ ކަމަށް ބުނެ އިންޑިއާގެ މުސްލިމުންނަށް އެތައް ހަމަލާއެއް ދީފަ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގުތައް ގިނަ ފަހަރަށް ނިމިފައި ވަނީ ކުށްކުރި ކަމަށް ބުނާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
އިންޑިއާގެ ހިންދޫން ގަބޫލްކުރާ ގޮތުގައި ގެރިއަކީ އެ މީހުންނަށް ވަރަށް މާތް އެއްޗެކެވެ. އަދި ގެރިކަތިލުން ވަނީ ވަރަށް ގިނަ ސްޓޭޓްތަކުގައި މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުކަންދު ވެސް ހިމެނެ އެވެ.
އަންސާރީގެ މަރާ ގުޅިގެން 12 މީހުން ހައްޔަރުކުރި އެވެ. އެކަކަކު ވަނީ ކުޑަ ކުއްޖަކަށްވާތީ ދޫކޮށްލައިފަ އެވެ. އަންސާރީގެ ދަރިފުޅު ޝަބަމް އަންސާރީ ބުނީ ހުކުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy